17 Jun 2016, 16:53
ސަރުކާރުގެ އެންގުމާ ޚިލާފަށް ކ. މާފުށިން ބިން ދޫކުރުމަށް ނިންމުމާ ގުޅިގެން، އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ، އޭނާގެ މުސާރަ ނުހިނގާ ގޮތަށް ދެ މަސް ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީއިން އިއްޔެ މާފުށީ ކައުންސިލްގެ ނައިބު ރައީސާ މަޖުދާ އިބްރާހީމަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، މާފުށިން 101 ގޯތި ދޫކުރުމަށް ކައުންސިލުގެ ދެ މެމްބަރަކު ހުށަހެޅުމުން ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ވަނީ އެ މައްސަލަ ކައުންސިލުގައި އެޖެންޑާކޮށް، އެކަމާ ބަހުސް ކުރުމަށްފަހު އެކަމަށް ވޯޓު ނަގާފަ ކަމަށެވެ.
އެލްޖީއޭ ބޯޑުގެ ރައީސްކަން ކުރައްވާ ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، ކައުންސިލްގެ ރައީސް އެކަން ކޮށްފައި ވަނީ، ބިމާ ބެހޭ އެއްވެސް ކަމެއް ކައުންސިލުން ނުކުރުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އަންގާފައި ވަނިކޮށް ކަމަށެވެ.
ހައުސިން މިނިސްޓްރީގެ ހުއްދަ ނެތި ބިން ދޫ ނުކުރުމަށް އެލްޖީއޭއިން ވެސް ކައުންސިލަށް އަންގާފައި ވާނެ ކަމަށް ވެސް އެ ސިޓީގައި އެލްޖީއޭގެ ރަސީށް ވިދާޅުވެފައިވެ އެވެ.
"ތިޔަ ކައުންސިލްގެ ރައީސް އަލްފާޟިލް މުހައްމަދު މުސްތަފާ 2016 ޖޫން 19 ވާ އާދީއްތަ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރުމަށް މި އޮތޯރިޓީގެ ބޯޑުން ވަނީ ނިންމާފަ އެވެ،" އެ ސިޓީގައި ބުނެފައި ވެ އެވެ.
އަދި އޭނާ ސަސްޕެންޑް ކުރެވުނީ އެ މުއްދަތުގައި އޭނާއަށް ލިބެންޖެހޭ މުސާރައާ އިނާޔަތްތައް ވެސް ނުހިނގާ ގޮތަށް ކަމަށް އެލްޖީއޭއިން ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން މާފުށީ ކައުންސިލްގެ ނައިބު ރައީސާ މަޖުދާ އިބްރާހީމުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.