17 Jun 2016, 17:25
ސަރުކާރުން ގއ. ދާންދޫގައި އަޅާފައިވާ މިސްކިތް ވަގުތީ ގޮތުން ބޭނުންކުރަން މިއަދު ފަށައިފި އެވެ.
ގއ. ދާންދޫގައި ހުންނަ މަސްޖިދުލް އަބްރާރުގެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. ނަމަވެސް މަސައްކަތް ކުރިޔަށް ނުގޮސް ލަސްވެ، އެތައް އަހަރެއް ވަންދެން މި މިސްކިތުގެ މަސައްކަތް ދިގުލައިގެން ދިޔައީ އެވެ.
ދާންދޫ ކައުންސިލްގެ މެމްބަރަކު "ސަން"އަށް މިއަދު ވިދާޅުވީ، މިސްކިތް އެއްކޮށް ނުނިމި ގިނަ ދުވަސްތަކެއް ވީ ގިނަ ބައެއްގެ އިހުމާލުން ކަމަށެވެ. އެގޮތުން ކޮންޓްރެކްޓަރާއި ސަރުކާރުގެ އިހުމާލު އެކަމުގައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ކޮންޓްރެކްޓަރާއި ރަށު ކައުންސިލާ ގުޅިގެން ވަރަށް ބުރަ މަސައްކަތުން މިސްކިތުގެ މަސައްކަތް ނިންމައި، މިއަދު އެ މިސްކިތުގައި ވަގުތީ ގޮތުން ނަމާދު ކުރަން ފަށާފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ. އެގޮތުން، އެ މިސްކިތުގައި މިއަދު ވަނީ ފުރަތަމަ ފަހަރަށް ހުކުރު ނަމާދު ކޮށްފަ އެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ ދާންދޫގެ މަސްޖިދުލް އަބްރާރު ހުޅުވުމަށް ފުރަތަމަ ރޭވީ ރޯދަ މަހުގެ ކުރިން ކަމަށާއި، ނަމަވެސް ބައެއް މައްސަލަތައް ދިމާވެ، އެކަން ނުވީ ކަމަށެވެ.
އަދި މިސްކިތް އަދިވެސް އެއްކޮށް ފުރިހަމަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، މިސްކިތުގެ އެތެރެ ޒީނަތްތެރި ކުރުމަށް ހަރުކުރަން ޖެހޭ ބައެއް ތަކެތި އިސްލާމިކް މިނިސްޓްރީން ފޮނުވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިސްކިތް މިއަދު ވަގުތީ ގޮތުން ހުޅުވައި، ބޭނުން ކުރަން ފަށާފައިވާ އިރު، ގިނަ ބަޔަކު ހުކުރު ނަމާދު ކުރުމަށް އެ މިސްކިތަށް އައި ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެތަން ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް މަސް ހާ ތަނުގައި ކަމަށް ދާންދޫ ކައުންސިލުން މައުލޫމާތު ދެ އެވެ.