17 Jun 2016, 16:45
ހަގީގަތާ ހިލާފު ދޮގު ވާހަކަތަކަށް ބިނާކޮށް، ހިޔާލުފާޅުކުރުމުންނާއި މީހެއްގެ އަބުރަށް އަރައިގަތުމުން ޖޫރިމަނާ ކުރެވޭނީ ގިނަވެގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ކަމަށާއި އެ ފައިސާ ނުދެއްކިއްޖެނަމަ ޖަލަށް ލެވޭނީ ގިނަވެގެން ހަ މަހަށް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ އާ ބިލުގައި ބުނެފި އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މަޖިލީހަށް ހުށަހެޅުއްވުމަށްފަހު އަނބުރާ ގެންދެވި އަބުރުގެ ބިލުގައި ބުނެފައި ވަނީ އަބުރާ ބެހުމުން ޖޫރިމަނާ ގިނަވެގެން ކުރެވޭނީ ފަސް މިލިއަން ރުފިޔާއާ ހަމައަށް ކަމަށެވެ. އެ ފައިސާ ނުދައްކައިފި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ނިހާން ހުށަހެޅުއްވި ބިލުގައިވާ އަދަބުތަކަށް "ލުއި" ކުރެއްވުމަށްފަހު ސަރުކާރުގެ ފަރާތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހަށް އިއްޔެ ވަނީ އާ ބިލެއް ހުށަހަޅުއްވާފަ އެވެ. އެ ބިލުގެ ނަމަކީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލެވެ. އެއީ ނިހާން ހުށަހެޅުއްވި ބިލަށް ވެސް ދީފައިވާ ނަމެވެ.
އުނގޫފާރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޖައުފަރު "ސަން"އަށް މިއަދު ވިދާޅުވީ ސަރުކާރުގެ ފަރާތުން އޭނާ ހުށަހެޅުއްވި ބިލަކީ ނިހާން ހުށަހެޅުއްވި ބިލުގައި ހުރި ކަންބޮޑުވުންތަކަށް "ލުއި" ގޮތްތަކެއް ގެނެސްދީފައިވާ ބިލެއް ކަމަށެވެ. އަދި އެފަދަ ދައުވާތައް ރައްދުވާ މީހުންނަށް ދިފާއުތަކެއް ލިބިދޭ ގޮތަށް އެ ބިލު ފަރުމާކޮށްފައިވާ ކަމަށް ޖައުފަރު ވިދާޅުވި އެވެ.
ބިލު ހުށަހެޅުއްވި މެމްބަރު ވިދާޅުވި ވާހަކަތައް:
- ޖޫރިމަނާ ކުރެވޭނީ ބައި ލައްކައިން ފެށިގެން ދެ މިލިއަނަށް
- ޖިނާއީ ދައުވާއަކަށް ބަދަލުވާނީ ޖޫރިމަނާ ނުދެއްކުމުން
- ޖިނާއީ ކުށް ސާބިތުވެއްޖެނަމަ ޖަލަށް ލެވޭނީ ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް
- ކުށުން ބަރީއަވުމަށް ގިނަ ދިފާއުތަކެއް ހިމަނާފައިވޭ
- ހަވާލާދީ ލިޔާ ލިޔުމަކުން މީޑިއާއަކަށް ބިރެއް ނެތް
އޭނާ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް މީޑިއާއަކުން އަދި ވަކި ފަރުދަކު ނަމަވެސް ދޮގު ވާހަކަތަކެއް ފެތުރި ކަމަށް ސާބިތުވެއްޖެނަމަ 50،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ބިލުގައި ބުނެފައިވާ ގޮތުން މީހެއްގެ އަބުރާ ބެހިއްޖެ ކަމަށް ސާބިތުވެއްޖެނަމަ ބަދަލު ނަގައިދިނުމާއެކު، ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ޖައުފަރު ވިދާޅުވި އެވެ. އަބުރާ ބެހުމުން ޖޫރިމަނާ ކުރެވޭނީ ވެސް 50،000 ފެށިގެން 2،000،000 އާ ހަމައަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާލުފާޅު ކުރުމުގެ އިންތައް ކަނޑައަޅާފައިވާ އެ ބިލާ ގުޅޭ ގޮތުން ޖައުފަރު ވިދާޅުވީ އާންމު ނިޒާމާ ހިލާފަށް ދޮގު ވާހަކަ ދައްކައި ހިޔާލުފާޅު ކުރި ކަމަށް ސާބިތުވެއްޖެނަމަ ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާއިން ފެށިގެން 1،000،000 ރުފިޔާއާ ހަމައަށް ކަމަށެވެ.
އޭނާ ވިދާޅުވީ ޖިނާއީ ކުށެއްގެ ގޮތުގައި ދައުވާ ކުރެވޭނީ އެ ބިލުގައިވާ ކުށެއް ސާބިތުވެ، ޖޫރިމަނާ ނުދެއްކުމުން ކަމަށެވެ. އަދި ޖޫރިމަނާ ހަލާސް ނުކުރެވިއްޖެނަމަ ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އަރިހުގައި އެދެވިދާނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް ޖައުފަރު ވިދާޅުވި އެވެ.
ބިލުގެ 27 ވަނަ މާއްދާއާ ހަވާލާ ދެއްވައި ޖައުފަރު ވިދާޅުވީ އެ ބިލުގައިވާ ޖޫރިމަނާ ނުދެއްކިއްޖެނަމަ ޖަލަށް ލެވޭނީ ތިން މަހާއި ހަމަހާ ދެމެދުގެ މުއްދަތަކަށް ކަމަށެވެ.
ބިލުގައި ބުނެފައިވާ ކުށެއްކޮށްގެން ކުރާ ދައުވާއިން ސަލާމަތްވުމަށް ދިފާއުތަކެއް ބިލުގައި ހިމަނާފައިވާ ކަމަށް ޖައުފަރު ފާހަގަ ކުރެއްވި އެވެ. އޭނާ ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ އިލްމީ މަގުސަތެއް ހާސިލް ކުރުމަށް ރަސްމީ އިމްތިޔާޒުގެ ތެރެއިން މުދައްރިސުއްދުންނާއި އިލްމުވެރިންފަދަ ބޭފުޅުން ދައްކާ ވާހަކަތަކަކީ އަބުރާ ބެހުން ކަމަށް ނުބެލެވޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކާއި ވަޒީރުންގެ މަޖިލީހާއި ޝަރީއަތްތަކުގައި ދައްކާ ވާހަކަތަކީ އަބުރާ ބެހުން ކަމަށް ނުބެލެވޭނެ ކަމަށާއި ތަހުގީގުތަކަށް މުއައްސަސާތަކުން ހޯދާ ހޯދުންތަކާއި ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުން ޝާއިއު ކުރާ އެއްޗެއްގައި ހުންނަ ވާހަކަތަކަކީ އަބުރާ ބެހުން ކަމަށް ނުބެލެވޭނެ އެވެ.
ދެއްކި ވާހަކައަކީ ނުވަތަ ފާޅުކުރި ހިޔާލަކީ ތެދު ކަމުގައިވާނަމަ އެއީ އަބުރާ ބެހުން ކަމަށް ނުބެލެވޭނެ ކަމަށާއި އިހްތިރާމާއެކު އިލްމީ މަސައްކަތުގެ ތެރެއިން ދައްކާ ވާހަކަތަކަކީ ވެސް އަބުރާ ބެހުން ނޫން ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް ޖައުފަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނި މަސްއޫލިއްޔަތު އުފުލުމުގެ ގޮތުން ގާނޫނުން ބާރުލިބިގެން ދައްކާ ވާހަކަތަކަކީ ވެސް އަބުރާ ބެހުން ނޫން ކަމަށް ޖައުފަރު ވިދާޅުވި އެވެ.
ޖައުފަރު ވިދާޅުވީ އެ ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުން ބަރީއަތްވުމަށް ގިނަ ދިފާއުތަކެއް ބިލުގައި ހިމެނިފައިވާ ކަމަށެވެ.
މީޑިއާތަކުން ޝާއިއު ކުރާ އެއްޗަކީ ބަޔަކާ ހަވާލާދީ ލިޔާ އެއްޗެއް ކަމުގައިވާނަމަ އެކަމުގެ އުގޫބާތެއް އެ މީޑިއާއަކަށް ނުލިބެނޭ ކަމަށާއި ތަހުގީގީ ނޫސްވެރިކަމަށް އެ ބިލުން ބާރުއަޅާފައިވާނެ ކަމަށް ޖައުފަރު ވިދާޅުވި އެވެ.
ސަރުކާރު ޒިންމާދާރުކޮށް، ދައުލަތުންނާއި އެހެނ ްފަރާތްތަކުން ކުރާ ގޯސްކަންތައްތައް އިސްލާހު ކުރުމަށް ބާރު އަޅައި ދައްކާ ވާހަކަތަކަކީ އަދަބު ލިބޭނެ ކަންތައްތަކެއް ނޫން ކަމަށާއި އެފަދަ ކަންތައްތަކަށް ސަރުކާރުން ހިތްވަރު ދޭ ކަމަށް ޖައުފަރު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ވެސް ވާހަކަ ދައްކަވަންވީ. ގޯސްކަމެއް ކުރާނަމަ އެކަން އިސްލާހުކުރަން ވާހަކަ ދައްކަންވީ. ތެދު ހަގީގަތަށް ވާހަކަ ދައްކައި، ޒިންމާދާރުކަމާއެކު ހިޔާލުފާޅުމުގެ މިނިވަންކަން ކުރަންވީ. އެކަމަށް ސަރުކާރުން ހުރަހެއް ނާޅާނެ،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވި އެވެ.