17 Jun 2016, 15:15
ބާސެލޯނާއަށް އަލުން ބަދަލުވުމަށްޓަކައި އެ ކްލަބުގެ ޕްރެޒިޑެންޓް ހޯޒޭ މާރިއާ ބާޓަމެއުއާ މަޝްވަރާކޮށްފައި ވާކަމަށް ޗެލްސީގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް ބުނެފިއެވެ.
އޯގަސްޓް 2015ގައި ޗެލްސީއަށް ސޮއިކުރުމުގެ ކުރީން މުޅި ފުޓްބޯޅަ ކެރިއަރު ބާސާގައި ހޭދަކުރި ސްޕެއިން ފޯވާޑް ޕްރިމިއަ ލީގަށް ބަދަލުވެ ތަޖުރިބާކުރި ފުރަތަމަ ސީޒަން އެހާ ކާމިޔާބެއް ނުވިއެވެ. އެގޮތުން މުޅި ސީޒަންގައި ވެސް ޗެލްސީއަށް އޭނާ ކުޅުނު ހުރިހާ މެޗަކުން ކާމިޔާބުކުރެވިފައި ވަނީ އެންމެ އަށް ލަނޑެވެ.
ޕެޑްރޯ ބުނީ، ބާސާގެ ޕްރެޒިޑެންޓް ގާތުގައިވެސް އަދި އޭނާގެ ގާތް އެކުވެރީންގާތުވެސް ބުނެފައި ވާނީ، އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލަން ބޭނުންވަނީ އެންމެ ލޯބިވާ މީހުންނާއެކު މުޅި ހަޔާތް އެ ކްލަބަކާ ގުޅިފައިވާ ބާސާގައި ކަމާށެވެ.
"އަހަރެން އުންމީދުކުރަން އެނބުރި ބާސާއަށް ދެވޭނޭ ކަމަށް، އެކަމަކު އަަހަންނަށް އެނގޭ އެއީ ފަސޭހަކަމެއް ނޫންކަން. ކަޕް ފައިނަލްގައި ދިމާވެގެން އަހަރެން ވާނީ، ބާސާއަށް ބަދަލުވާން ބޭނުންވާ ވާހަކަ ޕްރެޒިޑެންޓަށް ދަންނަވާފައި. އަދި އެތަނުގައި ތިބި އަހަރެން ދެކެ ލޯބިވާ މީހުންނާވެސް ވާނީ އެވާހަކަ ހިއްސާކޮށްފައި،" ޕެޑްރޯ ބުންޏެވެ.
ޕެޑްރޯ ބުނީ، ބާސާގައި ރިޓަޔާކުރާން ބޭނުންވި ނަމަވެސް އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
"އަހަރުތައް ފާއިތުވަމުން ގޮސް ބާސާގައި މިހާރު އެތިބީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރީން. އެއީ ވަރަށް ޑިމާންޑު ބޮޑު ކްލަބެއް، އެހެންކަމުން އެނބުރި ދިއުން އެއީ އެހާ ފަސޭހަކަމަކަށް ނުވާނެ. އެކަމަކު އަހަރެން ދާން ބޭނުން،" ޕެޑްރޯ ބުންޏެވެ.
ޗެލްސީގައި މާކަބޮޑު ކާމިޔާބެއް ނުހޯދުނު ނަމަވެސް، ޕެޑްރޯ ވަނީ 2008 އިން 2015އަށް ބާސާގައި އޭނާ ހޭދަކުރި މުއްދަތުގައި އެ ކްލަބަށް އެކި މުބާރާތްތަކުގައި ޖުމުލަ 321 މެޗު ކުޅެ، 99 ލަނޑު ކާމިޔާބުކޮށް، 20 ޓްރޮފީ ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ލަލީގާ ފަސް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު ހިމެނެއެވެ. ހަމަ އެހެންމެ 2009-10 ސީޒަންގައި ޕެޑްރޯ ވެގެން ގޮސްފައި ވަނީ، ފުޓްބޯޅައިގެ ތާރީޚްގައި ވެސް ކްލަބް ލެވެލްގެ ރަސްމީ ތަފާތު ހަ މުބާރާތެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.
"އަހަރެން ވާނީ ބާސާގައި 12 ވަރަކަށް އަހަރު ހޭދަކޮށްފައި. އަހަރެންގެ އާއިލާ ވަނީ އެތަނުގައި، އަދި ރަހްމަތްތެރީންވެސް. ބާސާ ފޭނުން އަހަރެންދެކެ އިންތިހާއަށް ލޯބިވޭ. ކްލަބުން އަހަރެންގެ އަގު ވަޒަންކުރާކަން އަހަންނަށް އެނގޭ. އެމީހެއްގެ ޑްރީމް ކްލަބުން ވަކިވުމަކީ އަބަދުވެސް އުނދަގޫ ކަމެއް،" ބީއިން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޕެޑްރޯ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑުންވެސް ގެންނަށް މަސައްކަތްކުރި ޕެޑްރޯ އޭރުގެ ޕްރިމިއަރ ލީގު ޗެމްޕިއަން ޗެލްސީއާ ގުޅުނީ، ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 26 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށެވެ. އަދި އޭނާގެ ޕާފޮމަންސް ރަނގަޅު ނަމަ އެ އަދަދު 30 މިލިއަން ޕައުންޑަށް ބޮޑު ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
ޕެޑްރޯ ޗެލްސީ ޓީމުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ މިދިޔަ ސީޒަންގައި އެޓީމު ވެސްބްރޮމްއާ ދެކޮޅަށް ކުޅެ 3-2 ލަނޑުން ޗެލްސީ މޮޅުވި މެޗުންނެވެ. ފުރަތަމަ ޗެލްސީއަށް ކުޅުނު އެ މެޗުގައި ޕެޑްރޯ ލަނޑެއް ކާމިޔާބުކުރި އިރު އެ މެޗަކީ ސީޒަންގައި ޗެލްސީ މޮޅުވި ފުރަތަމަ މެޗެވެ.