17 Jun 2016, 15:10
ސުޕްރީމް ކޯޓުން މަރުގެ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށާއި، މަރުގެ އަދަބު ތަންފީޒު ކުރާނީ ދަން ޖައްސައިގެން ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"އަލް ކައުން" ޗެނަލުން މިއަދު ފޮނުވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، މަރުގެ އަދަބު ދިނުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި، އެކަން ކުރުމަށް ބެނުންވާ ވަސީލަތްތައް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަރުގެ އަދަބު ދިނުމަށް ފުރަތަމަ ނިންމެވީ ލީތަލް އިންޖެކްޝަން ޖަހައިގެން ކަމަށާއި އެކަމާ ބެހޭ ގަވައިދެއް ވެސް ހެދުނު ކަމަށެވެ. ނަމަވެސް އެއަށް ވުރެ ދަން ޖައްސައިގެން މަރަން ރަނގަޅު ކަމަށް ފެންނާތީ، ދަން ޖައްސައިގެން މަރުގެ ހުކުމް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެން ގަސްދުކުރީ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒު ކުރަން އެކަމަކު އަޅުގަނޑުމެން ކުރި މަސައްކަތުން، ތަޖުރިބާ ހުރި ގައުމުތަކާ ވާހަކަ ދެއްކުމުން އަޅުގަނޑުމެންނަށް އެނގުނީ އެއަށް ވުރެ ރަނގަޅީ ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒު ކުރުން ކަން،"
މިނިސްޓަރ ވިދާޅުވީ، މިކަމާ ގުޅިގެން، މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފައިވާނެ ކަމަށެވެ.
"މިހާރު ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވޭނެ. ސުޕްރީމް ކޯޓުން ނިމިގެން އަޅުގަނޑުމެންނާ ހަމައަށް އަންނަތާ 30 ދުވަސް ތެރޭގައި މަރުގެ އަދަބު ތަންފީޒު ކުރެވޭނެ،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ އެމަނިކުފާނަކީ ހަރުކަށި މީހެކޭ ބަޔަކު މީހުން ބުނި ނަމަވެސް، އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް މަރަށް މަރު ހިފުމުން މެނުވީ ގައުމުގެ އަމަން އަމާންކަން ބޭނުންވާ ހިސާބަށް ނުގެންދެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަރުގެ އަދަބު ދިނަސް ނުވަތަ ނުދިނަސް ކުށް ކުރާ ބަޔަކު ކުށް ކުރާނެ ކަމަށާއި ނަމަވެސް މިކަމުގައި މުހިންމީ ކުށް ކޮންޓްރޯލް ކުރެވޭ މިންވަރާއި ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅުތައް ކަމަށެވެ.
އެގޮތުން، ގިނަ ގައުމުތަކުގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި، އެ އަދަބު ދިނުން އަނބުރާ ވުޖޫދަށް ގެނައުމަށް ނިންމާފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ހޯމް މިނިސްޓަރު އުމަރު ނަސީރު 2014 ޖެނުއަރީ 23 ވަނަ ދުވަހު އެވެ.
"އަޅުގަނޑު ހޯމް މިނިސްޓްރީއާ ހަވާލު ވުމަށްފަހު އެންމެ ފުރަތަމަ ނިންމި އެއް ނިންމުމަކީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންވާ ތައްޔާރީތައް ވުމަށް އަޅުގަނޑު ނެރުނު އަމުރެއް. އެ އަމުރު ނެރުނީމާ އެންމެންނަށް ޝޮކު ޖެހިގެންވެސް އުޅުނު. ބުނަމުން ދިޔަ އަޅުގަނޑު ކުޅޭ ކުޅޭ ގޮތަށް ކުރި ކަމެކޭ. އަނެއް ބޭފުޅުންނަށް އެނގުނު އަޅުގަނޑު އެކަން އިއުލާނު ކުރީމާ އެކަމުގައި މާނައެއް އެކުލެވޭނެކަން. އަޅުގަނޑުމެން މިތިބީ އަޒުމު ކަނޑައަޅާއިގެން، ރާއްޖޭގައި މަރަށް މަރު ހިފުމަށް،" އުމަރު ވިދާޅުވި އެވެ.