17 Jun 2016, 14:24
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ޑްރާމާ ސިލްސިލާ، 'ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ' ގައި ނޭތިކް ސިންހާނިއާގެ ރޯލުން ފެނިގެންދާ ކަރަން މެހެރާ، އެ ސީރީޒް ދޫކޮށްލައިފި އެވެ.
މީގެ ހަތް އަހަރު ކުރިން ފެށި އެ ޝޯވ އިން ބޮޑު މަގުބޫލުކަމެއް ހޯދި ކަރަން، ޝޯވ ދޫކޮށްލީ، އިތުރަށް މަސައްކަތް ކުރެވޭ ވަރަށް ވުރެ ސިއްހަތު ގޯސްވުމުން ކަމަށް ޝޯވ އުފައްދާ ފަރާތުން ބުނެ އެވެ.
ނަވާވީސް އަހަރުގެ ކަރަން ވެސް ވަނީ، އޭނާ ޝޯވ ދޫކޮށްލަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް އިތުރު ގޮތެއް ނެތް ކަމަށް ބުނެފައެވެ. އަދި މަސައްކަތުން ދުރުވެ، އަރާމުނުކޮށްފި ނަމަ ހާލަތު ވަރަށް ބޮޑަށް ސީރިއަސް ވެދާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް ވެސް ކަރަން ވަނީ ބުނެފައެވެ.
ކަރަން ޝޯވ ދޫކޮށްލަން އޮތީ ފެބުރުއަރީ މަހު އެވެ. ނަމަވެސް ސްޓާ ޕްލަސް އަދި ޕްރޮޑަކްޝަން ހައުސްގެ އެދުމުގެ މަތިން ޝޯވ ގައި މަޑުކުރީ އެވެ. ފަހަކަށް އައިސް އެ ޝޯވގައި ކަރަންގެ ސީންތައް ވެސް ފެންނަނީ ވަރަށް މަދުންނެވެ.
އޭނާ ކުއްލި ގޮތަކަށް ޝޯވ ދޫކޮށްލުމުން ޝޯވގެ މުޅި ކާސްޓަށްވެސް ވަރަށް ބޮޑު ޝޮކެއް ޖެހިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. ކަރަން ބުނީ އޭނާގެ ސިއްހީ ހާލަތު ރަނގަޅުވުން އަނެއްކާވެސް އެހެން ޕްރޮޖެކްޓުތަކުގެ މަސައްކަތް ފަށާނެ ކަމަށެވެ.