17 Jun 2016, 14:01
ރާއްޖޭގެ އިދިކޮޅު އިއްތިހާދުގެ ލީޑަރު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަުދ ޖަމީލް އަހްމަދާއި، އެ އިއްތިހާދުގެ އެޑްވައިޒަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، އިނގިރޭސި ވިލާތުގެ ޚާރިޖިއްޔާއާ ބައްދަލުކުރައްވައިފި އެވެ.
އިއްތިހާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑރ. ޖަމީލާއި ރައީސް ނަޝީދު އިނގިރޭސި ޚާރިޖީ އޮފީހަށް އިއްޔެ ވަޑައިގެން، ރާއްޖޭގެ ސިޔާސީ ހާލަތުގެ މައުލޫމާތު ހިއްސާކޮށް، ރާއްޖޭގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ނަމަވެސް އެބޭފުޅުން ބައްދަލުކުރެއްވީ އިނގިރޭސި ހާރިޖީ އޮފީހުގެ ކޮން ބޭފުޅަކާ ކަމެއް އެ އިއްތިހާދުން ހާމަކޮށްފައެއް ނުވެ އެވެ.
އިއްތިހާދުން ބުނީ، އެ އިއްތިހާދުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވެސް އިނގިރޭސި ހާރިޖީ އޮފީހާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް އެ އިއްތިހާދުން ބުނެ އެވެ.
މީގެ އިތުުރން ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ބަންދުގެ ހާލަތްތަކަށް ބަދަލެއް ނާންނަ ކަމަށާއި، ސަރުކާރަށް ފާޑުކިޔެން ހުރި ހުރިހާ މަގެއް ބަންދުކޮށް، ސިޔާސީ ޕާޓީތަކުގެ ނިޒާމުން ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވެ ރައީސް ނަޝީދާއި ޑރ. ޖަމީލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން އިދިކޮޅު އިއްތިހާދެއް އިއުލާން ކުރީ މި ހިނގާ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ. އެ އިއްތިހާދުގެ ލީޑަރަކަށް ޑރ. ޖަމީލް ހަމަޖައްސައި، ނައިބު ލީޑަރަކަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ހަމަޖައްސާފައިވާ އިރު، 19 މެމްބަރުންގެ ޝެޑޯ ކެބިނެޓެއް ވެސް ވަނީ އިއުލާން ކޮށްފަ އެވެ.