އާރާއި ބާރު ލިބޭ ވަގުތުތަކުގައި މައާފުކުރުމަކީ ކީރިތި ރަސޫލާ މުސްލިމު އުއްމަތަށް ދައްކަވައިދިން މަތިވެރި، އިބުރަތްތެރި ފިލާވަޅެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ބޮޑަށް ބިނާވެފައި އޮތީ ތާރީޚުގެ ތެރެއިން، ރަމަޟާން މަހުގައި މުސްލިމުންނަށް ލިބިފައިވާ ނަސްރާއި ކާމިޔާބީތަކުގެ މައްޗަށެވެ. އެގޮތުން ބަދުރު ހަނގުރާމަ އާއި މައްކާ ފަތަހަ ކުރެވުމުގެ ހާދިސާއަށް ހުކުރު ހުތުބާގައި ވަނީ އަލި އަޅުވާލައިފަ އެވެ.

ހުތުބާގައި ބުނީ މައްކާ ފަތަހަ ކުރެއްވުމުގެ ހާދިސާއިން ކީރިތި ރަސޫލާ މުސްލިމުންނަށް ދެއްކެވި އެންމެ މަތިވެރި ފިލާވަޅަކީ ބާރު ލިބިގެންދާ ހާލު ވެސް މައާފުކުރެއްވުމުގެ މާތް ސިފަ ކަމަށެވެ.

ހުކުރު ނަމާދަށް އިސްލާމީ މަރުކަޒަަށް މީހުން ޖަމާވެފައި: ހުތުބާގައި ބުނެފައި ވަނީ ރަމަޟާން މަހަކީ ނަސްރުގެ މައްސަރު ކަމަށާއި މި މަހުގައި އަމިއްލަ ނަފްސަށް ވެސް ނަސްރު ހޯދުމަކީ ބޭނުންތެރި ކަމެއް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައްކާ ފަތަހަކުރި ހާދިސާއަށް ބަލާއިރު، މައްކާ ފަތަހަ ކުރެއްވުމަށްފަހު މައްކާގެ އަހުލުވެރިން ޖަމާކުރައްވައި، އެ މީހުންނާ މެދު ކަންތައް ކުރައްވާނީ ކިހިނެއްތޯ ކީރިތި ރަސޫލާ އެ މީހުންގެ ކިބައިން ސުވާލު ކުރެއްވި އެވެ. މައްކާގެ ރައްޔިތުން ބުނީ ރަސޫލާ ކަންތައް ކުރައްވާނީ ހެޔޮކޮށް ކަމަށެވެ.

އެ ހިނދު "ތިޔަބައި މީހުންނަކީ މިނިވަނުންނެވެ. ތިޔަބައިމީހުން އެދޭ ތަނަކަށް ދާށެވެ،" އެހެން ހަދީޘް ކުރައްވައި، ކީރިތި ރަސޫލާ އެ މީހުން މިނިވަން ކުރެއްވީ އެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ، ރަމަޟާން މަހަކީ މުސްލިމުންނަށް ނަސްރުގެ މައްސަރު ކަމަށާއި މި މަހުގައި އަމިއްލަ ނަފްސަށް ވެސް ނަސްރު ހޯދުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

އެގޮތުން އެ ނަސްރެއް ހޯދޭނީ ހަށިގަނޑުގެ ގުނަވަންތަކުގެ މައްޗަށް ބާރު ފޯރުވައި، ކިޔަމަން ވެގެން ކަމަށާއި، ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގެ އަމަލުތަކާ މެދު އެ ގުނަވަނަކާ ވަކިވަކިން ސުވާލު ކުރެވޭނެކަން ހަނދާން ކުރަންޖެހޭ ކަމަށް ވެސް ހުކުރު ހުތުބާގައި ބުނެފައި ވެ އެވެ.