މަދިރިން ރައްކާތެރިކޮށްދޭ ހާއްސަ ފީޗަރއެއް ހަރުކޮށްފައިވާ ޓީވީއެއް، ދެކުނު ކޮރެއާގެ އެލްޖީ އިލެކްޓްރޯނިކްސްގެ އިންޑިއާ ގޮފިން ތައާރަފްކޮށްފިއެވެ.

އެލްޖީން ބުނީ، "މޮސްކިޓޯ އަވޭ ޓެކްނޮލޮޖީ" ބޭނުުންކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް އުފެއްދި ޓީވީއަކީ، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކަމަށްވާ، މެލޭރިއާ، ޒިކާ އަދި ޑެންގޫ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވަރަށް މުހިއްމު ވަސީލަތެއް ކަމަށެވެ.

މޮސްކިޓޯ އަވޭ ޓެކްނޮލޮޖީއަކީ، އިންސާނުންނަށް އިހްސާން ނުކުރެވޭ، އެހެން ނަމަވެސް މަދިރިއަށް އޭގެ އިހްސާސްކުރެވޭ އަލްޓްރާސޮނިކް ވޭވްސްތަކެއް އެކުލެވޭ ޚާއްސަ އީޖާދެކެވެ. އަދި މި ވޭވްސްތަކުގެ ސަބަބުން މަދިރި އެ ސަރަހައްދަކަށް ކައިރި ނުވާނެ ކަމަށް އެލްޖީން މައުލޫމާތުދެއެވެ.

އެލްޖީ މޮސްކިޓޯ ރިޕެލިން ޓީވީ، އިންޑިއާގެ ބާޒާރަށް ނެރެފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

ރިޕޯޓްތައް ބުނާގޮތުން، އެލްޖީން ވަނީ އިންޑިއާގެ ޗެންނާއީގެ ލެބޯޓަރީއަކުން ފާސްކޮށް ޔަގީންކަން ދީފައިވާ، މޮސްކިޓޯ އަވޭ ޓެކްނޮލޮޖީ، އެލްޖީ ބްރޭންޑްގެ އެއާކޮންޑިޝަން، އަދި ދޮންނަ މެޝިނުގައި ވެސް ބޭނުން ކުރަން ފަށައިފައެވެ.

ޓީވީ ނިއްވާލާފައި ހުންނަ ވަގުތުތަކުގައި ވެސް، މަސައްކަތްކުރާ އެލްޖީގެ މި ޚާއްސަ ޓީވީގެ ދެ މޮޑެލެއް ބާޒާރަށް ނެރެފައިވާއިރު، މީގެ ޓީވީގެ އަގުތަށް ހުރީ 26,500 ރުޕީސް (394 ޑޮލަރު) އަދި 47,500 ރުޕީސް (706 ޑޮލަރު) އަށެވެ.

އެލްޖީގެ މި ޓީވީ ޚާއްސަކޮށްފައި ވަނީ، މަދިރީގެ ނުރައްކާ ބޮޑު، މެދުފަންތީގެ އަދި އެންމެ އާދައިގެ އާމްދަނީވެސް ލިބޭ ފަރާތްތަކަށް ޚާއްސަކޮށްގެންނެވެ.

އެލްޖީގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވާ ގޮތުގައި އަންނަ މަހުގެ ތެރޭގައި އެލްޖީގެ މި ޚާއްސަ ޓީވީ، ސްރީ ލަންކާ އަދި ފިލިޕީންސްގައި ވެސް ވިއްކަން ފަށާނެއެވެ.

ލެޓިން އެމެރިކާގައި ޒިކާ ވައިރަސް ފެތުރެން ފެށުމުގެ ކުރީން އެލްޖީން ވަނީ އެ ކުންފުނީގެ މި ޚާއްސަ އީޖާދު ތަރައްގީ ކުރާން ފަށައިފަ އެވެ. އެގޮތުން ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި އޯގަސްޓް 5-21 އަށް ބާއްވާ މިފަހަރުގެ އޮލިމްޕިކްސްއާ ދިމާކޮށް ޒިކާ ވައިރަސްގެ ނުރައްކާތެރިކަން އިތުރުވުމުގެ ކަންބޮޑުވުންތައް އޮތް މި ދަނޑިވަޅުގައި މިފަދަ އުފެއްދުންތަކުން މުހިންމުކަން އިތުރުވާނެ އެވެ.

އެލްޖީން އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައި ވަނީ، އަލަށް ބާޒާރަށް ނެރުނު މޮސްކިޓޯ ރިޕެލިން ޓީވީއަކީ، މަދިރިން ރައްކާތެރިވުމަށް މިހާރު ބޭނުންކުރާ ބާވަތްތަކުގެ ބަދަލުގައި އުފެއްދި އެއްޗެއް ނޫން ކަމަށެވެ.