މުނިފޫހިފިލުވުމުގެ ދާއިރާގައި ދުނިޔޭގެ އެންމެ އަރާހުރި ކުންފުނި ކަމުގައިވާ، ވޯލްޓް ޑިޒްނީ ކުންފުނިން ޗައިނާގެ ޝަންހާއީގައި ޑިޒްނީ ތީމްގެ ރިސޯޓެއް ހުޅުވައިފި އެވެ.

އިއްޔެ ޝަންހާއީގައި ހުޅުވި ޑިޒްނީގެ ރިސޯޓަށް ކިޔަނީ ޝަންހާއީ ޑިޒްނީ ރިސޯޓެވެ. މިތަން ހެދުމަށް 5.5 ބިލިޔަން ޑޮލަރު ޚަރަދު ކުރެވުނެވެ. މިތަން ބިނާކޮށްފައި ވަނީ، ޑިޒްނީގެ ފިލްމުތަކާއި ކާޓޫންތަކުގެ ތީމްތަކަށް ބިނާކޮށް ތީމް ޕާކެއްގެ ގޮތުގައެވެ. އަދި އެތަނުގައި ހޮޓެލް ކޮމްޕްލެކްސްއެއް ވެސް ހުންނާނެ އެވެ.

ވޯލްޓް ޑިޒްނީ ކުންފުނީގެ ތީމް ޕާކުތަކެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ހުންނަ ނަމަވެސް، މިއީޗައިނާގައި ގާއިމުކުރި މިފަދަ ފުރަތަމަ ތަނެވެ. އަދި މިއީ އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ މުހިންމު ތަނަކަށް ދެ ގައުމަށް ވެސް ވެގެން ދާނެ އެވެ.

މި ރިސޯޓުގައި ޑިޒްނީގެ 43 ޕަސަންޓު ޝެއާ އޮންނަ އިރު، ބާކީ 57 ޕަސަންޓު ހިއްސާ އޮންނަނީ ޗައިނާގެ ކުންފުންޏެއްގެ އަތުގައެވެ.

ޝަންހާއީގައި ހުޅުވި ޑިޒްނީ ރިސޯޓުގައި 2.4 މިލިޔަން ގަސް އިންދާފައިވާ އިރު، އެތަން ހުޅުވުމުގެ ކުރިން އެތަނުގައި މަސައްކަތް ކުރާނެ 10،000 މުވައްޒަފުންނަށް ވަނީ ތަމްރީނު ވެސް ދީފައެވެ. އެ ތަނުގައި ޑިޒްނީ ތީމްގެ ހެވިކަމުގެ ހަރަކާތްތައް ކުރިޔަށް ދާ އިރު، ފްލައިޓު ސިމިއުލޭޓަރެއް ވެސް ހުންނަ ކަމަށް ވެ އެވެ.

ހުޅުވިގެން ދިޔަ ތީމް ޕާކުން ޑިޒްނީއަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. އެގޮތުން ބަލާ ނަމަ އެތަނުގެ ހޮޓަލާއި، ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނާއި މުނިފޫހިފިލުވުމުގެ ރައިޑްތަކާއި މާޗަންޑައިޒްތަކުން އުފައްދާ އާމްދަނީގެ ޖުމްލަ 43 ޕަސަންޓު ޑިޒްނީއަށް ލިބޭނެ އެވެ. މީގެ އިތުރުން އެތަނުގައި ޑިޒްނީ ކެރެކްޓަރުން ބޭނުންކުރުމާއި، އެތަނުގެ ހޮޓެލް ހިންގުމުގެ މަސައްކަތަށް ޑިޒްނީއަށް ޚާއްސަ ފީއެއް ވެސް ލިބޭނެ އެވެ.

އެހެންކަމުން، ޗައިނާގެ އިގްތިސާދަށް އަންނަ ކުޑަކުޑަ ހެޔޮ ބަދަލަކުން ވެސް ޑިޒްނީއަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ބެލެވެ އެވެ. މިދިޔަ އަހަރު ޑިޒްނީ ކުންފުންޏަށް މުޅިއެކު 52.5 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އޭގެ ތެރެއިން 7.5 ޕަސަންޓަކީ އޭޝިއާގައި ހުންނަ ޑިޒްނީގެ ވިޔަފާރިތަކުން ލިބުނު އާމްދަނީ އެވެ.