ހަތަރު ޕޮއިންޓާއެކު އިނގިރޭސިންނަށް ގްރޫޕުގެ އެއްވަނަ ހައްގު ކަމަށް އެ ޓީމުގެ ކޯޗު ރޯއީ ހޮޖްސަން ބުނެފި އެވެ.

ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ "ގްރޫޕް ބީ"ގައި ރޭ ކުޅުނު މެޗުގައި ވޭލްސް އަތުން އިނގިރޭސިން ވަނީ ފަހަތުން އަރައި މޮޅުވެފައެވެ. ފުރަތަމަ ހާފުގައި ހިލޭ ޖެހުމަކުން ގެރެތު ބޭލް ވޭލްސް އަށް ލީޑު ހޯދައިދިން ނަމަވެސް، އިނގިރޭސިންނަށް ކުރި ހޯދުނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ޖެމީ ވާޑީ އަދި ޑެނިއެލް ސްޓަރިޖްގެ ލަނޑުތަކުންނެވެ.

"ވޭލްސް އަތުން ހޯދުނީ ވަރަށް މުހިއްމު މޮޅެއް. އަހަރެމެން ދެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކިން. އެހެންވެ އަހަރެމެންނަށް އެންމެ މަދުވެގެން ހަތަރު ޕޮއިންޓް ހައްގު. ވޭލްސް އިން ވެސް މެޗުގައި ގިނަ މަސައްކަތްތަކެއް ކުރި،" ހޮޖްސަން ބުންޏެވެ.

އޭނާ ބުނީ، ދެވަނަ ހާފުގައި ވާޑީ އަރުވާފައިވަނީ ހެރީ ކޭން ވަރުބަލިވެފައި ހުރުމުން ކަމަށާއި ވާޑީ އަކީ ވަރަށް ހިތްވަރާއެކު މަސައްކަތްކުރާ ކުޅުންތެރިއެއް ކަމަށެވެ.

"ދަނޑުމަތީގައި ވާޑީގެ ކުޅުމާމެދު އަހަރެންގެ ހިތުގައި އެއްވެސް ސުވާލެއް ނެތް. އަހަރެންނަކީ ސްޓެޓިސްޓިކްސްތަކަށް ބަލާ މީހެއް ނޫން. އެކަމަކު މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެފައި ވާނީ އަހަރެމެން. އަހަރެމެންނަށް މެޗުގައި ގިނަ ނިންމުންތަކެއް ދަނޑު މަތީގައި ނިންމަން ޖެހުނު،" ހޮޖްސަން ބުންޏެވެ.

"ގްރޫޕް ބީ" އިން ޔޫރޯގެ ގަދަ 16 އަށް ދަތުރުކުރާ ދެ ޓީމު ކަށަވަރުވާނީ އަންނަ ހޯމަ ދުވަހު ކުޅޭ ގްރޫޕުގެ ފަހު މެޗުތަކަށް ފަހު އެވެ. އަންނަ ހޯމަ ދުވަހު ރަޝިއާއާ ދެކޮޅަށް ވޭލްސް ނުކުންނަ އިރު، އިނގިރޭސިން ނުކުންނަން ޖެހޭނީ ސްލޮވާކިއާއާ ދެކޮޅަށެވެ. އެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެއް ވަގުތެއްގައެވެ.