އިސްލާމް އާބާދު: ޕާކިސްތާނުން ނިއުކްލިޔަ ހަތިޔާރު އުފެއްދީ އިންޑިޔާގެ ބިރުދެއްކުންތަކާއި ޖެއްސުންކުރުންތަކާ ކުރިމަތިލުމުގެ އައްޑަނައެއްގެ ގޮތުގައި ކަމަށް ޕާކިސްތާނުގެ ނިއުކްލިޔަ ހަތިޔާރުގެ ބައްޕަ ކަމަށް ސިފަކުރެވޭ އިސް ސައެންޓިސްޓް ޢަބްދުލްޤަދީރު ޚާން ވިދާޅުވެއްޖެވެ.

އެމެރިކާގެ ނިޔުޔޯކް ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއްގައި ޚާން ވިދާޅުވީ ޕާކިސްތާނުން ނިއުކްލިޔަ ޕްރޮގްރާމަކާމެދު ޚިޔާލުކުރީވެސް 1974 ވަނަ އަހަރު އިންޑިޔާއިން ބިމުއަޑިގައި އެޓޮމިކް ހަތިޔާރުގެ ތަޖްރިބާއެއް ކުރުމުން ކަމުގައެވެ.
މިތަޖްރިބާއާއެކު އިންޑިޔާގެ ޢަސްކަރީ ލަނޑުދަނޑި ހާމަވުމުން ޕާކިސްތާނަށް ނިއުކްލިޔަ ހަތިޔާރު އުފައްދައިދިނުމުގެ ޖޯޝު އަމިއްލަ ހަށިގަނޑުގައި އުފެދި ޔޫރަޕްގައި ހުންނަވާފައި އެނބުރި ޕާކިސްތާނަށް ވަޑައިގެން ނިއުކްލިޔަ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފެއްޓެވީ ކަމަށް ޚާން ވިދާޅުވި އެވެ.

ޕާކިސްތާނުގެ ނިއުކްލިޔަ ބޮމުގެ ބައްޕަ ޢަބްދުލްޤަދީރު ޚާންއަކީ ޔޫރަޕުން ނިއުކްލިޔަ ސައެންސް ކިޔަވައި ވިދާޅުވުމަށްފަހު ޔޫރޭނިޔަމް ފައްކާކުރުމުގެ ޓެކްނޮލޮޖީގެ ތަޖްރިބާ 15 އަހަރުވަންދެން ޔޫރަޕުން ޙާސިލްކުރައްވާފައިވާ އަދި ދުނިޔޭގެ އެންމެ މޮޅު ނިއުކްލިޔަ ސައެންޓިސްޓުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ކުޅަދާނަ ސިކުޑިއެއްގެ ވެރިއެކެވެ.

1975 ގައި ޚާން ޔޫރަޕުން އެނބުރި ޕާކިސްތާނަށް ވަޑައިގަތުމުން ޕާކިސްތާނުގައި ނިއުކްލިޔަ ޕްރޮގްރާމެއް އުފައްދައި އޭގެ މުގުލުގައި ޚާން ބެހެއްޓެވީ އޭރުގެ ޕާކިސްތާނުގެ ބޮޑުވަޒީރު ޖަނާބް ޛުލްފިޤާރު ޢަލީ ބުއްޓޫއެވެ.
ޚާން ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުން ޕާކިސްތާނުގެ ނިއުކްލިޔަ ޕްރޮގްރާމްގައި މުޅިންވެސް މަސައްކަތްކުރީ ޕާކިސްތާނުގެ ނިއުކްލިޔަ އިންޖިނޭރުންނާއި ސައެންސްވެރިން ކަމަށާއި ޕާކިސްތާނުގެ ނިއުކްލިޔަ ޕްރޮގްރާމް ތަރައްޤީކުރުމުގައި ބޭރުގެ އެއްވެސް ސައެންސްވެރިއެއްގެ ދައުރެއްނޯންނާނެ ކަމުގައެވެ.

ޚާން ވިދާޅުވީ 1975 ގައި އަލަށްފެށި ޕާކިސްތާނުގެ ނިއުކްލިޔަ ޕްރޮގްރާމް 1984 އާ ހަމައަށްދިޔައިރު ނިއުކްލިޔަ އާދައިގެ ބޮމެއް ތަޖްރިބާކުރުމުގެ ޤާބިލްކަން ޕާކިސްތާނަށް ލިބިގެންދިޔަ ކަމުގައެވެ. އެހެންކަމުން ބޭނުންނަމަ އެއަހަރު ނިއުކްލިޔަ ތަޖްރިބާއެއް ކުރެވިދާނެކަން އޭރުގެ ޕާކިސްތާނުގެ ރައީސް ޖެނެރަލް މުޙައްމަދު ޒިޔާއުލްޙައްޤަށް ދެންނެވިކަމަށް ޚާން ވިދާޅުވިއެވެ.

ޚާން ހާމަކުރެއްވި ގޮތުގައި ޕާކިސްތާނުގެ ނިއުކްލިޔަ ޕްރޮގްރާމަކީ މިހާތަނަށް މުޅި ދުނިޔޭގައިވެސް އެންމެ އަވަހަށް އެންމެ ހަލުއި ދުވެއްޔެއްގައި ނިއުކްލިޔަ ހަތިޔާރު އުފެއްދި ޕްރޮގްރާމް ކަމުގައެވެ.
ޕާކިސްތާނުން ނިއުކްލިޔަރ ޓެކްނޮލިޖީ ތަރައްޤީކޮށް ނިއުކްލިޔަ ހަތިޔާރު އުފެއްދީ އެމެރިކާއާއި ޔޫރަޕްގެ ފިއްތުންތަކާއި ޔަހޫދީ އިސްރާއީލުން ދީފާނެ ޢުދުވާނީ ހަމަލާތަކެއްގެ ބިރުވެރިކަމުގެ ތެރޭގައި ވަރަށް ދަތިގޮތަކަށް ކަމަށާ އެއީ ޕާކިސްތާނުގެ ސައެންޓިސްޓުން ޤައުމަށްޓަކައި ކުރި މަސައްކަތެއް ކަމަށް ޚާން ސިފަކުރެއްވިއެވެ.

ޚާން އިތުރަށް ވިދާޅުވީ 1998 ގައި ޕާކިސްތާނުން ނިއުކްލިޔަ ހަތިޔާރުގެ ތަޖްރިބާތައް ކުރިއިރު ޕާކިސްތާނުގެ ޢަސްކަރީ ނިއުކްލިޔަ ޓެކްނޮލޮޖީވަނީ ދުނިޔޭގެ އެންމެމަތީ ފެންވަރުގެ ނިއުކްލިޔަ ޓެކްނޮލޮޖީއާ އެއްފެންވަރަށް ތަރައްޤީ ކުރެވިފައި ކަމަށާއި ޕާކިސްތާނުގެ އަމްނާ އިންޑިޔާއަށް ނުކުޅެވޭނެ މިންވަރަށް ޕާކިސްތާނުގައި ނިއުކްލިޔަ ޤާބިލްކަން މިހާރު އެބަހުރި ކަމުގައެވެ.

އެހެންކަމުން ޢަސްކަރީ އެހެން ހަތިޔާރު އިންޑިޔާއިން ކިތަންމެ ވަރަކަށް އުފެއްދި ނަމަވެސް ޕާކިސްތާނުގެ ނިއުކްލިޔަ އައްޑަނައިގެ ސަބަބުން އިންޑިޔާދެކެ ޕާކިސްތާން ޖެހިލުންވާން ނުޖެހޭ ކަމަށާއި ޕާކިސްތާނާ ކުޅެން އިންޑިޔާއަށް ނުކެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚާން ވިދާޅުވީ ޕާކިސްތާނުގެ ދުވަސް ދުއްވާލުމަށް އިންޑިޔާ ބޭނުންވާނީ އެންމެ 5 ނިއުކްލިޔަ މިސައިލް ކަމަށާއި މީގެ ބަދަލުގައި އިންޑިޔާގެ ދުވަސް ދުއްވާލުމަށް ޕާކިސްތާން ބޭނުންވާނީ އެންމެ 10 ނިއުކްލިޔަރ މިސައިލް ކަމުގައެވެ. މިޢަށްވުރެ މާގިނައިން އެ ދެ ޤައުމުގައިވެސް ނިއުކްލިޔަ މިސައިލާއި ނިއުކްލިޔަރ ބޮންތައް އެބަހުރި ކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. -- އަލްޖަޒީރާ