ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ނޮދަން އަޔަލެންޑާއި ޔޫކްރޭން ބައްދަލުކުރި މެޗު ބެލުމަށް ސްޓޭޑިއަމަށް ދިޔަ ނޮދަން އަޔަލެންޑްގެ އިތުރު ސަޕޯޓަރަކު މަރުވެއްޖެ އެވެ.

ސްޓޭޑް ޑި ލިޔޯންގައި ރޭ ޔޫކްރޭނާ ދެކޮޅަށް ކުޅެ، 2-0 ލަނޑުން ނޮދަން އަޔަލެންޑް މޮޅުވި މެޗުގެ ކުޅިބަލަން ދިޔަ ސަޕޯޓަރަކު މަރުވެފައިވާ އިރު، މިދިޔަ ހޯމަ ދުވަހު ވެސް ނޮދަން އަޔަލެންޑްގެ އުމުރުން 24 އަހަރުގެ ސަޕޯޓަރަކު މަރުވެފައިވެ އެވެ.

އެ މެޗުގެ ތެރެއިން ނޮދަން އަޔަލެންޑްގެ ސަޕޯޓަރަކު މަރުވެފައިވާކަން ނޮދަން އަޔަލެންޑް ޓީމުގެ ތަރުޖަމާނު އަދި އެ ގައުމުގެ ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މަރުވި މީހާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ނޮދަން އަޔަލެންޑްގެ ސަޕޯޓަރު މަރުވެފައިވަނީ ޔޫކްރޭން އަތުން ނޮދަން އަޔަލެންޑުން ތާރީހީ މޮޅެއް ހޯދި މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ. ދަނޑު ތެރޭގައި ހަރަކާތްތެރިވި މެޑިކަލް ޓީމުން އޭނާ އަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވި ނަމަވެސް އެކަން ކާމިޔާބުކުރެވޭ ގޮތް ވެފައެއް ނުވެ އެވެ.

"އަހަރެމެން މިދަނީ އޭނާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން. އޭނާ އަށް ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނުވޭ. އޭނާ މަރުވީ ކުއްލި ގޮތަކަށް،" ނޮދަން އަޔަލެންޑްގެ ފޮރިން އޮފީހުގެ ތަރުޖަމާނަކު ބުންޏެވެ.

ނޮދަން އަޔަލެންޑަކީ ޔޫރޯގައި ފުރަތަމަ ފަހަރަށް ވާދަކުރާ ޓީމުތަކުގެ ތެރެއިން ޓީމެކެވެ.