ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ޕޮލެންޑުން ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ހިފަހައްޓައިފި އެވެ.

ސެއިންޓް ޑެނިސްގެ ސްޓޭޑް ޑި ފްރާންސްގައި ޖަރުމަނާއި ޕޮލެންޑް މިރޭ ބައްދަލުކުރި "ގްރޫޕް ސީ"ގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ ނަތީޖާއާއެކު ގްރޫޕުގެ އެއްވަނާގައި ގޯލުގެ ތަފާތުން އަދިވެސް އޮތީ ޖަރުމަނެވެ. ޖަރުމަނާއި ޕޮލެންޑަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ތިން ވަނާގައި އޮތް ނޮދަން އަޔަލެންޑަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައި، ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތް ޔޫކްރޭނު ވަނީ މުބާރާތާ އަލްވަދާއު ކިޔައިފަ އެވެ.

ޔޫރޯގައި ޖަރުމަނާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެ ޓީމަށް ލޫކަސް ފަބިއަންސްކީ ބަލަހައްޓަމުންދިޔަ ޕޮލެންޑްގެ ގޯލަށް މާ ބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ. ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ކައިރީ ޕޮލެންޑުން ވެސް ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މެޗުގެ ދެވަނަ ހާފުގައި ޕޮލެންޑާއި ޖަރުމަނަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ދެވަނަ ހާފުގައި ޕޮލެންޑުގެ އާކަޑިއުޒް މިލިކް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. އޭނާ އުފެއްދި ހަމަލާތައް ޖަރުމަނުގެ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

ޔޫރޯގައި ޖަރުމަނާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ: އޭޕީ

ދެވަނަ ހާފުގައި ޖަރުމަނަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ މެސުޓް އޮޒިލް އަށެވެ. ޕޮލެންޑުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އާސެނަލްގެ ތަރި އޮޒިލް އުފެއްދި ހަމަލާ، ކީޕަރު ފަބިއަންސްކީ ވަނީ މަތަކޮށްފަ އެވެ.

ޔޫރޯގައި މާދަމާ ވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ އިރުއޮއްސި 6:00ގައި ކުޅޭ "ގްރޫޕް އީ"ގެ މެޗުގައި ބައްދަލުކުރާނީ އިޓަލީ އާއި ސްވިޑަން އެވެ. މާދަމާ ރޭ 9:00ގައި ކުޅޭ "ގްރޫޕް ޑީ"ގެ މެޗުގައި ބައްދަލުކުރާނީ ޗެކް ރިޕަބްލިކާއި ކްރޮއޭޝިއާ އެވެ. އަދި މާދަމާ ރޭ 12:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އާއި ތުރުކީ އެވެ.