17 Jun 2016, 00:24
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނޮދާން އަޔަލެންޑުން 2-0ގެ ނަތީޖާ އަކުން ޔޫކުރެއިންގެ މައްޗަށް ކުރި ހޯދައިގެން އެ ޓީމް ސިއްސުވާލައިފި އެވެ.
އެ ނަތީޖާ އެކު ޔޫކުރެއިން ކުޅުނު ދެ މެޗުން ބަލިވެ ގުރޫޕްގެ ފުލުގައި އޮތް އިރު އެ ޓީމަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.
ޕާކް އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުގެން ދިޔަ ނަމަވެސް ފުރަތަމަ ހާފްގައި އަޔަލޭންޑްސްގެ ގޯލަށް އަމާޒް ކޮށް ޔޫކުރެއިން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ޔޫކުރައިންނާ ހިލާފަށް އަޔަލޭންޑަށް ވަނީ ފުރަތަމަ ހާފްގައި ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތް ނުވެފައެވެ.

ޔޫރޯ ފުޓޮބޯޅަ މުބާރާތުގައި ޔޫކްރެއިނާއި ނޮދާން އަޔަލެންޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ދެވަނަ ހާފް ފެށިގެން ވެސް ޔޫކުރެއިން އިން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރުވުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 49 ވަނަ މިނެޓްގައި އަޔަލޭންޑްއިން ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑް ނެގުމެވެ.
އެ ގޯލު ގެރެތު މިކޮލީ ކާމިޔާބު ކުރީ ޔޫކުރެއިން ހާފް ތެރެއިން އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ޔޫކުރެއިންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނޯވުޑް ނަގައިދިނުމުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ދެވަނަ ހާފުގެ ކުރީ ކޮޅުގައި އަޔަލޭންޑުން ކާމިޔާބު ކުރި ގޯލާ އެކު ވެހެމުންދިޔަ ގަނޑުފެނުގެ ވާރޭ ތެރޭގައި ކުޅުނު މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ޔޫކުރެއިން ކުރަން ޖެހޭ މަސަތްކަތް ބޮޑުވި އިރު އެ ޓީމްގެ ފަރާތުން ވެސް ވަނީ ގޯލެއް ކާމިޔާބު ކުރުމަށް ގިނަ މަސަތްކަތްތަކެއް ކޮށްފައެވެ.

ޔޫރޯ ފުޓޮބޯޅަ މުބާރާތުގައި ޔޫކްރެއިނާއި ނޮދާން އަޔަލެންޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ނަމަވެސް ޔޫކުރެއިނަށް އަޔަލޭންޑްގެ ޑިފެންސްލައިން ފޫއަޅުވާނުލެވުނު އިރު އަޔަލޭންޑް އިން ވަނީ މެޗުގެ އިތުރު ވަގުތުގައި ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑް އިތުރަށް ފުޅާ ކޮށްފައެވެ.
އަޔަލޭންޑަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ގޯލު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނިކުތް ނީލް މެކްގިން ކާމިޔާބު ކުރީ އެ ޓީމްގެ ސުޓްއާޓް ޑެލަސް ފޮނިވާލި ބޯޅަ ޔޫކުރެއިންގެ ކީޕަރުގެ އަތުޖެހި ނުކުތުމުން ގޯލުގެ ތެރެއަށް ފޮނވާލައިގެންނެވެ.