17 Jun 2016, 00:41
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި، ވެސްޓް ޔޯކްޝަޔާގެ ބެޓްލީ އެންޑް ސްޕެން ދާއިރާ ތަމްސީލުކުރާ މެމްބަރު ހެލެން ޖޮއޭން ކޮކްސްގެ ގަޔަށް ބަޑި ޖެހުމަށް ފަހު ވަޅިން ހަމަލާދީ، އޭނާ މަރާލައިފި އެވެ.
އިނގިރޭސި ވިލާތުގެ އިދިކޮޅު ޕާޓީ ލޭބާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރި ޖޮއޭން ނުވަތަ ޖޯއަކީ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އައި މަޖިލިސް މެމްބަރެކެވެ.
އޭނާ މަރާލާފައި ވަނީ، މިއަދުގެ ވަގުތެއްގައި އޭނާ އޭނާގެ ދާއިރާގައި އުޅުއްވަނިކޮށެވެ.
ބީބީސީ ރިޕޯޓު ކުރާ ގޮތުގައި ޖޯ މަރާލާފައި ވަނީ އޭނާގެ ދާއިރާގެ ބައެއް ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ނުކުމެވަޑައިގެންނެވި ވަގުތު، ޔޯކްޝަޔާގެ ބާސްޓޯލްގަ އެވެ.
ވެސްޓް ޔޯކްޝަޔާގެ ފުލުހުން ބުނާ ގޮތުގައި ޖޯ މަރާލި ހާދިސާ ހިނގިތާ މާ ގިނަ އިރެއް ނުވެ، އެ ސަރަހައްދުން 52 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އެ ސަރަހައްދުން ބަޑިއެއް ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.