16 Jun 2016, 22:47
ކޮމަންވެލްތުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާ ހާއްސަ މުޝީރުގެ ގޮތުގައި، ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ވިލީ މުޓުންގާ ހަމަޖައްސައިފި އެވެ.
އެކަން ހާމަކުރީ، ސުޕްރީމުގެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުން މުޓުންގާ މުސްކުޅި ކުރެއްވުމަށް ފަހު، އޭނާ އަށް އަލްވަދާއު ކިޔުމަށް ނައިރޯބީ ސުޕްރީމް ކޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މުތުންގާ އެވެ.
މުޓުންގާ ވިދާޅުވީ ރާއްޖޭގެ މުޝީރެއްގެ ގޮތުގައި ކޮމަންވެލްތުން އޭނާ ހަމަޖައްސާފައި ވަނީ ރާއްޖޭގެ "ސިޔާސީ ލީޑާޝިޕް އެކަތިގަނޑަކަށް" ހެދުމަށެވެ.
އަދި 2018 ވަނަ އަހަރު ގިނަ ބަޔަކަށް ވާދަކުރެވޭ ރިޔާސީ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް، ދެމެހެއްޓެނިވި ސިޔާސީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ހިތްވަރު ދިނުމަކީ ވެސް މެންޑޭޓުގައި ހިމެނޭ ކަމަށް މުޓުންގާ ވިދާޅުވި އެވެ.
"ކޮމަންވެލްތުން ހަވާލުކޮށްފައިވާ މަސައްކަތަކީ، ރާއްޖޭގެ ޑިމޮކްރެޓިކް އިންސްޓިޓިއުޓް ތަކާއި ސަގާފަތްތައް ހަރުދަނާ ކުރުމަށް ހިތްވަރު ދިނުން،" އޭނާ ވިދާޅުވި އެވެ.