16 Jun 2016, 20:58
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްސްއިން ގޯލެއް ކާމިޔާބް ކޮށްފައިވަނިކޮށް ފަހަތުން އަރާ ދެ ގޯލު ކާމިޔާބް ކޮށް 2-1ގެ ނަތީޖާ އަކުން އިނގިރޭސިން މޮޅުވެ ދެވަނަ ބުރުގެ އުންމީދު އެ ޓީމުން ބޮޑު ކޮށްފިއެވެ.
އެ ނަތީޖާ އެކު ގުރޫޕް ބީގައި، ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އެއް ވަނާގައި އިނގިރޭސިން އޮތް އިރު ދެވަނާގައި އޮތް ސްލޮވާކިއާ އަށާއި ވޭލްޝް އަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ގުރޫޕްގެ ފުލުގައި އެއް ޕޮއިންޓާއި އެކު އޮތީ ރަޝީޔާ އެވެ.
މެޗު ފެށިގެން ވެސް އިނގިރޭސިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު އެ ޓީމުން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސް ކޮށްފައެވެ. މެޗުގެ ކުރީކޮޅުގައި ވޭލްޝްގެ ގޯލު ކުރުމައްޗަށް އިނގިރޭސި ކުޅުންތެރިއަކު ހުރަސް ކޮށްލި ބޯޅަ ރަހީމް ސްޓާލިން އަށް ވަނީ ފޮނުވާލެވޭ ގޮތް ނުވެފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްޝް އާއި އިނގިރޭސިން ކުޅުނު މެޗުގައި ވޭލްސްގެ ގޯލު ބޭލް ކާމިުާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
އެ ހަމަލާއަށް ފަހު ވެސް އިނގިރޭސިން ދިޔައީ ހުއްޓުމެއް ނެތި ވޭލްޝްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް އިނގިރޭސިން ފޮނުވާލި ހަމަލާތަށް ގޯލަކަށް ބަދަލު ކޮށްނުލެވުމުގެ ފައިދާ ނަގައި ވޭލްޝް އިން ވަނީ ގޯލެއް ކާމިޔާބް ކޮށް މެޗުގެ ލީޑް ނަގާފައެވެ.
ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވަފައި ވަނިކޮށް އިނގިރޭސި ޕެނަލްޓީ އޭރިއާ ކުރިމަތިން ލިބުނު ހިލޭ ޖެހުމެއް ގެރެތް ބޭލް ގޯލުގެ ތެރެއަށް ފޮނުވާލީ އިރު އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވަނީ އިނގިރޭސި ކީޕަރު ޖޯ ހާޓްގެ އަތުގަ ޖެހިފައެވެ.
ފުރަތަމަ ހާފް ވޭލްޝް ކުރީގައި އޮވެ ނިމުނު އިރު މޮޅުތި ގިނަ ތަރިން ތަކަކާއި އެކު ނިކުއިން އިނގިރޭސިން ދެވަނަ ހާފް އަށް ނިކުތީ ނިމި ދިޔަ ސީޒަނުގައި ލެސްޓާ ސިޓީގައި މޮޅު ކުޅުމެއް ދެއްކި ޖެމީ ވާޑީ އާއި ޑެނިއަލް ސްޓަރެޖު އާއެކު އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްޝް އާއި އިނގިރޭސިން ކުޅުނު މެޗުގައި އިނގިރޭސިން މޮޅު ކޮށްދިން ގޯލު ސްޓަރެޖް ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
އިނގިރޭސިން އަށް 56 ވަނަ މިނެޓްގައި ނަތީޖާ އެއްވަރު ކޮށްދިން ގޯލު ވާޑީ ކާމިޔާބް ކޮށްދިން އިރު އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ގޯލު މެޗުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި ދެ މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގައި ކާމިޔާބް ކޮށްދިނީ ސްޓަރިޖްއެވެ.
ވޭލްޝްގެ ފަރާތުން މާގިނަ ނުރައްކާތެރި ހަމަލާތެއް ނޫފެއްދުނު އެ މެޗުގެ އެންމެ ފަހު ސިކުންތު ކޮޅުގައި ބޭލް އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އިނގިރޭސި ޕެނަލްޓީ އޭރިއާތެރެއަށް ވޭލްޝްގެ ކުޅުންތެރިއަކު ހުރަސްކޮށްލި ބޯޅަ ބޭލް ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.