އިސްލާމީ ޔުނިވާސިޓީގެ އިސްވެރިންނާއި މުވައްޒަފުން އައިޖީއެމްއެޗުގައި ތިބި ބަލިމީހުން ކައިރިއަށް ޒިޔާރަތްކޮށްފި އެވެ.

އެ ޒިޔާރަތުގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ލެކްޗަރާއިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނީ އެ ޒިޔާރަތުގެ މައިގަނޑު މަގްސަދަކީ ރޯދަ އަދި އެހެނިހެން ދީނީ ކަންތައްތަކާ ގުޅޭ ގޮތުން އެ ޔުނިވާސިޓީގެ އިލްމުވެރިންގެ ފަރާތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާތީ އެކަމުގެ ރިވެތި އާދާ މުޖުތަމައުގައި އަށަގެންނެވުމުމަކީ ވެސް އެ ޒިޔާރަތުގެ މަގުސަދެއް ކަމަށް އިސްލާމިކް ޔުނިވާސިޓީން ބުންޏެވެ.

އެ ޕްރޮގްރާމްގައި ވަރަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

މިއަދުގެ ޒިޔާރަތުގައި އިސްލާމިކް ބޭންކާއި އިސްލާމިކް ޔުނިވާސިޓީ ގުޅިގެން ބަލިމީހުންނަށް ވަނީ ހަދިޔާ ދީފައިވެ އެވެ. ދީފައިވާ ހަދިޔާތަކުގެ ތެރޭގައި މުސްހަފް، މުސައްލަ، ދީނީ ފޮތް އަދި ބަލި މީހުންނަށް ޚާއްސަ ލީފްލެޓް ހިމެނެ އެވެ.