މާލޭ ޕޯޓުގެ ހިދުމަތް ރަނގަޅުކޮށް ވެރިފަރާތުން ކޮންޓެއިނާ ބޭނުންވާތާ އެއް ގަޑިއިރުތެރޭގައި ކޮންޓެއިނާ ދޫކޮށްދިނުމުގެ ހިދުމަތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ދޭން ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް) އިން ބުނެފިއެވެ.

މާލޭ ޕޯޓަށް ކޮންޓެއިނާ ހިފައިގެން އަންނަ ބޯޓްތައް ހުސް ނުކުރެވި އެތައް ދުވަހަކު ތިބެން ޖެހުމާ އޭގެ ސަބަބުން އެތައް ހަރަދެއް ކުރަންޖެހުމުގެ ޝަކުވާއަކީ ވިޔަފާރިވެރިންގެ ބޮޑު ޝަކުވާއެކެވެ.

ހުޅުމާލޭގައި އެމްޕީއެލްއިން ހެދި ޕޯޓާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ މާލޭ ޕޯޓުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަންކަން ހައްލުކޮށް ވެރިފަރާތުން ކޮންޓެއިނާ ބޭނުންވާތާ ގަޑިއިރެއްހާ އިރު ތެރޭގައި ކޮންޓެއިނާ ހަވާލުކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.

ބަނދަރުގެ ހިދުމަތްތައް މިހާރު ލަސްވަން ދިމާވެފައިވާ އެއް މައްސަލައަކަށް ވެހިކަލް ނެތުން ކަމަށްވާއިރު ވަރަށް އަވަހަށް އިކުއިޕްމެންޓު ގެނެސް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި މިހާރު ދިމާވާ ދަތިތައް ހައްލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހި ވިޔަފާރިވެރިންނަށް ދަންނަވާލަން އޮތީ މިއަދު ބަނދަރުގެ ހާލަތު ހުރިހާ ދިމާލަކުން ދަތި، މުދާ ނެރުމުގެ މައްސަލަތައް އެބަހުރި، އިކުއިޕްމެންޓުގެ ދަތިތައް އެބަހުރި، އެހެން ނަމަވެސް ކުރިއަށް އޮތް އެންމެ ގިނަ ވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި ދަންނަވަނީ މިހާރު ބަނދަރާމެދު އަޅުގަނޑުމެންގެ ވިޔަފާރިވެރިން ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ އޮންނަ ދަތިތަކުގެ 90 ޕަސެންޓް އަޅުގަނޑުމެން ކަނޑުވާލާނަނ،" ޖުނައިދު ވިދާޅުވިއެވެ.

ބަނދަރުގެ ހާލަތު ދަށްވުމުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާ ކަމަށާއި އެކަމަށް ދުރާލާ ވިސްނައިގެން ހައްލަކަށް ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ.

ހުޅުމާލޭ ޕޯޓް އިތުރަށް ތަރައްގީ ކުރުމަށް އެޗްޑީސީ އާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެއާޕޯޓުން އަންނަ ތަކެއްޗާއި އަތޮޅު ތެރެއަށް ފޮނުވާ ތަކެތި ކުރިއަށް އޮތްތަނުގައި ދޫކުރާނީ ހުޅުމާލޭ ޕޯޓުން ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.

ހުޅުމާލޭ ޕޯޓުގައި ކޯލްޑް ސުޓޯރޭޖްތަކެއް ގާއިމްކޮށް އިތުރު ވެހިކަލްތައް ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭގައި ގެނެވޭނެ ކަމަށާއި އެއާއެކު 100 އެއްހާ ވަޒީފާ އުފެދޭނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

މާލޭ ޕޯޓަށް ދިމާވެފައިވާ މައްސަލާގެ ދާއިމީ ހައްލަކީ ތިލަފުއްޓަށް ބަނދަރު ބަދަލު ކުރުން ކަމަށާއި އެކަމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް ޖުނައިދު ވިިދާޅުވި އެވެ.