16 Jun 2016, 17:58
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން ދެ މީހަކު ހޯދަން ފަށައިފި އެވެ.
އެ މައްސަލައާ ގުޅިގެން ހޯދަން ފުލުހުން އިއުލާންކޮށްފައި ވަނީ ސ. ހިތަދޫ، ބްލޫބާޑް، ހޫދު ލަތީފް،20، އާއި ސ. ހިތަދޫ، ހުދުފިޔަ، އިބްރާހީމް ހާރިޝް ހުސައިން،24 އެވެ.
އެ މާރާމާރީއާ ގުޅިގެން އެ ދެ މީހަކު ހޯދަން އިއުލާންކޮށްފައިވާއިރު، މިހާތަނަށް އެ މައްސަލާގައި 12 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ހޯދަން އިއުލާންކުރި ދެ މީހުންނަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ ބައެއް ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ވީމާ، މި މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9796240 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެ މާރާމާރީގައި ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. ބައެއް މީހުންނަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުގެ ސަބަބުން ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފަ އެވެ.