16 Jun 2016, 18:00
ޔޫރޯގެ އެންމެ މޮޅެތި ކުޅުންތެރިން ތިބީ ބެލްޖިއަމްގައި ކަމަށް ރިޕަބްލިކް އޮފް އަޔަލެންޑްގެ ކޯޗު މާޓިން އޯ ނީލް ބުނެފި އެވެ.
ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ފޭވަރިޓެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ބެލްޖިއަމް ވަނީ "ގްރޫޕް އީ"ގައި ކުޅުނު ފުރަތަމަ މެޗުގައި 2-0 ލަނޑުން އެންމެ ފަހުގެ ރަނަރަޕް އިޓަލީ އަތުން ބަލިވެފަ އެވެ. އަޔަލެންޑް ކުޅުނު ފުރަތަމަ މެޗުގައި ސްވިޑަން އަތުން 1-1 ލަނޑުން ވަނީ އެއްވަރުވެފަ އެވެ.
"އެ ޓީމަށް ބަލައިލީމަ އެނގޭނެ. އެ ޓީމުގައި ތިބީ މުބާރާތުގެ އެންމެ މޮޅެތި ކުޅުންތެރިން. އެ މީހުން ވަރަށް، ވަރަށް ނުރައްކާތެރި. އިޓަލީއާ ދެކޮޅަށް ކުޅޭ މެޗު އަބަދުވެސް އުނދަގޫ ވާނެ. ބެލްޖިއަމް އަށް އެ މެޗުގައި ލަނޑު ޖެހުމަށް ވަރަށް ރަނގަޅު ތިނެއް ނުވަތަ ހަތަރު ފުރުސަތެއް ލިބި، ކާމިޔާބު ނުކުރެވުމުން އުނދަގުލާ ކުރިމަތިވީ. އަހަރެމެން ވެސް އެމީހުންނަށް އުނދަގޫ ޖައްސަން ބޭނުން،" އޯ ނީލް ބުންޏެވެ.
އޭނާ ބުނީ، ބެލްޖިއަމް އިން ކުޅެނީ ސްވިޑަން އަށްވުރެ ތަފާތު ކުޅުމެއް ކަމަށާއި އެ ޓީމުގެ ސްކޮޑަކީ ވެސް ވަރަށް ހުނަރުވެރި ސްކޮޑެއް ކަމަށެވެ. އަދި އެ ޓީމުގެ އެޑެން ހަޒާޑަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި މި ވަގުތު ހިމެނޭ ކުޅުންތެރިއެއް ކަމަށް ވެސް އޯ ނީލް ބުންޏެވެ.
"ކޮންމެ ހަފްތާއަކު ކްލަބު ފުޓްބޯޅައިގައި ބޮޑެތި މެޗުތަކެއް ކުޅޭ ކުޅުންތެރިން އެ ޓީމުގައި އެބަތިބި. ބެލްޖިއަމްގައި ވަރަށް ހުނަރުވެރި ސްކޮޑެއް އެބަ އޮތް. އެމީހުންގެ ފުރަތަމަ މެޗުން ބަލިވީމަ، އެކަމާ ހިތްހަމައެއް ނުޖެހޭނެ. އެހެންވެ އަހަރެމެންނާ ދެކޮޅަށް ކުޅޭ މެޗުން އެމީހުން ރަނގަޅު ނަތީޖާއެއް ނެރުމަށް ރޭޭވުންތައް ރާވާނެ،" އޭނާ ބުންޏެވެ.
ޔޫރޯގައި ބެލްޖިއަމްއާ ދެކޮޅަށް އަޔަލެންޑް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.