16 Jun 2016, 17:51
ކާބޯތަކެތި ވިއްކުމުގެ އާންމު މިންގަނޑާ ހިލާފަށް ހުރި މައްސަލަތައް 300 އަށް ވުރެ ގިނަ ފިހާރައިން ފާހަގަވެފައިވާތީ، އެ ފިހާރަތަކުން އިސްލާހު ކުރަންވީ ކަންތައްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ފާހަގަކޮށްފި އެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، މިދިއަ މަހުގެ 15ގައި ފެށި، ފިހާރަތައް ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން 300 ފިހާރައެއް ބަލައި ފާސްކޮށް، އެތަންތަނުން ފާހަގަވި ކަންކަން އިސްލާހުކުރަން އަންގާފައިވާ ކަމަށެވެ.
އެމްއެފްޑީއެފް އިން ބުނީ، ފިހާރަތަކުގައި މުއްދަތު ހަމަވެފައި ހުރި ކާބޯތަކެތި ވިއްކަން ބަހައްޓާފައި ހުރިކަން ފާހަވި ކުރެވިފައިވާ ކަމަށާއި ބައެއް ފިހާރަތަކުގެ އާންމު ސާފުތާހިރުކަން ދަށް ކަމަށެވެ.
މީގެ އިތުރުން ކުކުޅާއި ބަޓާ ފަދަ، ފިނިކޮށް އަދި ގަނޑުކޮށް ބަހައްޓަންޖެހޭ ކާބޯތަކެތި ތަގައްޔަރުވާ ގޮތަށް ބަހައްޓާފައި ހުންނަ ކަމަށާއި، އެކަށީގެންވާ ފެސިލިޓީތައް ނެތި ކުކުޅު ކޮށުމާއި ކާބޯތަކެތި ޕެކު ކުރުން ފަދަ ކަންކަން އެމްއެފްޑީއޭއަށް ފާހަގަވެފައިވެ އެވެ.
ބައެއް ތަކެތި ބަހައްޓަން ބުނެފައިވާ ފިނި ހޫނުމިނާ ޚިލާފަށް އެތަކެތި ބަހައްޓައި ވިއްކާ ކަމަށާއި، ދަޅުފަދަ ތަކެތި ބަނޑިވެފައި ހުއްޓަސް ވިއްކަން ބެހެއްޓުންފަދަ ކަންކަން ފާހަގަވެފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި ރާއްޖޭގެ އުފެއްދުންތަކުގައި މުއްދަތު ހަމަވާ ތާރީހު ވަކި އުސޫލެއް ނެތި ޖަހާފައި ހުރިކަން ފާހަގަވާ ކަމަށާއި، ބައެއް ދިވެހި އުފެއްދުންތަކުގެ ޕެކިންގެ ފެންވަރު ދަށްވުމާއި، ކާބޯތަކެތީގައި ލޭބަލް ޖެހުމުގެ ގަވައިދާ މިންގަނޑަށް ނުފެތޭ ކާބޯތަކެތި ވިއްކަން ހުރެ އެވެ.
މީގެ އިތުރުން ބައެއް ފިހާރަތަކުން މީދަލާއި ބުޅާ ފަދަ ތަކެތި ވަދެ އާލާވާ ގޮތަށް ހުންނަ ތަންތަން ފެނިފައިވާ ކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އާންމު އުސޫލާ މެދު މުވައްޒަފުން ހޭލުންތެރިކޮށްފައި ނުވާ ކަމަށް ވެސް އެމްއެފްޑީއޭފިން ބުނެ އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މިކަންކަމީ ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލޭ ކަންކަމަށް މެދުވެރިކުރާ ކަންކަން ކަމަށެވެ. އެހެންކަމުން މިކަންކަން ރަނގަޅަށް ބަލައި އިސްލާހު ކުރުމަށް އެ އޮތޯރިޓީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.