16 Jun 2016, 18:11
ޓެރަރިޒަމްގެ ދެ ދައުވާ ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު އަދިވެސް ބަހައްޓާފައި ހުންނަނީ ދޫނިދޫގައި ކަމަށާއި އެއީ ގާނޫނާ ޚިލާފަށް ފުލުހުން ކޮށްފައިވާ ކަމެއް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް ސިރާޖު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ތިން ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން ހުކުމް ތަންފީޒުކުރާ މީހުން ބައި ތިއްބަންޖެހޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހިންގާ ޖަލުތަކުގައި ކަމަށެވެ.

ފުލުހުންގެ ތަހުގީގީ ޖަލު ހިންގާ ދޫނިދޫ-- ފޮޓޯ/ އޭޕީ
ނަމަވެސް ހުކުމް ތަންފީޒު ކުރުމަށް އަދީބު ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިނުވާ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.
ހުކުމް ތަންފީޒުކޮށްފައިވާ މީހަކަށް ލިބިދޭންޖެހޭ އިނާޔަތްތައް ވެސް ލިބޭނީ އަދީބު ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމުން ކަމަށްވާތީ ވީއެންމެ އަވަހަކަށް އަދީބު ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުއްވިކަން ސާބިތުވެ އަދީބު 10 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިކަން ސާބިތުވެ އަދީބު 15 އަހަރަށް ޖަލަށްލުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.