16 Jun 2016, 17:02
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން އެއްވެސް ޝަރުތަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދޭންޖެހޭ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ މައުރޫފް "ސަން"އަށް ވިދާޅުވީ ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރަން ޕީޕީއެމްގެ ޓިކެޓު ދޭންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
އެގޭ ތެރޭގައި ރައީސް ޔާމީންގެ މެނިފެސްޓޯގައިވާ ގިނަ ކަންތައްތަކެއް އެމަނިކުފާނު ކޮށްދެއްވާފައިވާކަން ފާހަގަކުރެވޭ ކަމަށް މައުރޫފް ވިދާޅުވި އެވެ.
ދުވަހަކު ވެސް ރާއްޖެ ނުދެކޭފަދަ ބޮޑެތި އިންވެސްޓުމަންޓުތަކެއް ރާއްޖެ އައިސްފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާ ވެސް ވަރަށް ބޮޑަށް ތަރައްގީވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

2013ގެ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރެއްވި ދުވަހު ރައީސް ޔާމީން (ވ) އާއި ކުރީގެ ރައީސް މައުމޫން(މ) އަދި އަރިހުގައި އެމްޑީއޭގެ ލީޑަރު ސިޔާމް-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ އެމަނިކުފާނަކީ ގާބިލް ކުޅަދާނަ ބޭފުޅެއްކަން ސާބިތުކޮށްދެއްވަމުން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ އިންތިސާދީ މެނިފެސްޓޯގައި ހުރި ކަންތައްތައް އެ ދަނީ ތަންފީޒުވަމުން. ރާއްޖޭގެ އެކި ރަށްތައް އެ ދަނީ އުމްރާނީ ގޮތުން ތަރައްގީވަމުން. އެތަކެއް ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ރަށްތަކުގައި އެދަނީ ކުރިއަށް. ހަމައެކަނި މާލެއެއް ނޫން ތަރައްގީވަމުން ދަނީ،" މައުރޫފް ވިދާޅުވި އެވެ.
އެއްވެސް ޝަރުތަކާ ނުލައި ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޓިކެޓު ދިނުމަށް ބައެއް މިނިސްޓަރުންނާއި ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ގޮވާލާފަ އެވެ.