16 Jun 2016, 16:38
ރާއްޖޭގައި ވިއްކާ ރޯސް ސިރަޕްގެ ބްރޭންޑެއްގެ ފުޅިތަކެއް އުފެއްދި ތާރީޚާއި އޭގެ މުއްދަތު ހަމަވާ ތާރީޚަށް ބަދަލު ގެނެސްގެން ބާޒާރުގައި ވިއްކަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނެފި އެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ސިންގަޕޫރުގެ ނޮދަން ލަކް ޕްރައިވެޓް ލިމިޓެޑުން އުފައްދާ ރޯސް ސިރަޕް ފުޅީގައިވާ އެކްސްޕަޔަރީ ޑޭޓު ހަމަވުމުން، އެހެން ތާރީޚެއް ޖަހާފައިވާ ސްޓިކާއެއް އެތަނުގެ މަތީގައި ހިއްޕައިގެން ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ވަނީ، ރޯސް ސިރަޕް ވިއްކާ، އަދި ގަންނަ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވެ، އެފަދައިން ތާރީޚުތައް އޮޅުވާޅުމުގެ މަގުސަދުގައި ސްޓިކާ ތަތްކޮށްފައި ވޭތޯ ރަނގަޅަށް ބެލުމަށް އަންގައިފަ އެވެ. އަދި އެ ލޭބަލް ވާ ނަމަ އެތަކެތި ނުވިއްކުމަށާއި، އެތަކެތި ބޭޏުން ނުކުރުމަށް އެ އޮތޯރިޓީން އަންގަ އެވެ.
މީގެ އިތުރުން އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ އެ މައުލޫމާތު އެމްއެފްޑީއޭއަށް ހިއްސާ ކުރުމަށްވެސް އެ އޮތޯރިޓީއިން އެދެ އެވެ.
"މިގޮތަށް އޮޅުވާލައިގެން ކާބޯތަކެތި ވިއްކާ ފަރާތްތަކާ މެދު 'މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރާ ގާނޫނު'ގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަވެސް އަންގަމެވެ،" އެމްއެފްޑީއޭގެ ބަޔާނުގައި ބުނެ އެވެ.