16 Jun 2016, 16:16
ހުޅުމާލޭ ސެންޓްރަލް ޕާކަށް ހިލޭ ވައިފައި ދިނުމަށާއި ހުޅުމާލޭގައި އަޅާ ސީސީޓީވީ ކެމެރާތަކަށް ހިލޭ ނެޓްވޯކް ދިނުމަށް އުރީދޫގެ ފަރާތުން ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހް ވިދާޅުވީ، ހުޅުމާލެ "ސްމާޓް ސިޓީ" އަކަށް ހެދުމުގެ މަޝްރޫއަށް އެކުންފުނިން އެހީތެރިވުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަޕް ޕާކްގައި ހިލޭ ވައިފައި ދިނުމުގެ ހިދުމަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދެވިގެންދާނެ ކަމަށެވެ.
އުރީދޫ ހިލޭ ވައިފައި ދެނީ ކޮންމެ ދުވަހަކަށް ކޮންމެ ޑިވައިސްއަކަށް 15 މިނެޓުގެ ރޭޓުންނެވެ. އިތުރަށް ބޭނުންނަމަ ގަނެލެވޭނެއެވެ.
އޭގެ އިތުރުން ހުޅުމާލޭގައި އުރީދޫއިން ސުޕަ ފާސްޓް އިންޓަނެޓު ދިނުމަށް އަޅާ ފައިބާ ނެޓުވޯކް ބޭނުންކޮށްގެން އެޗްޑީސީއަށް ހިލޭ ކެމެރާ އޮޕަރޭޓު ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ، އެ ނެޓްވޯކް މެދުވެރިކޮށް ފުރަތަމަ ބުރުގައި 25 ކެމެރާ އަޅާއިރު ހުޅުމާލޭ ފޭސް ވަންގެ މުހިންމު ސަރަހައްދުތައް ކަވަރު ކުރެވިގެންދާނެ ކަމަށެވެ. އެ ސީސީޓީވީ ތައް އޮޕަރޭޓު ކުރާނީ ފުލުހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ، އެ ބޭފުޅުންގެ އަމާޒަކީ މުޅި ހުޅުމާލެ ކަވަރުވާގޮތަށް ހިލޭ ވައިފައިގެ ހިދުމަތް ދިނުން ކަމަށެވެ. އަދި ހުޅުމާލެއަށް ސުޕަނެޓުގެ ހިދުމަތް މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ތައާރަފް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.