ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތް ޕުޅަކީ ދިވެހި ތާރީހުގައި އެންމެ ހުތުރު ސަފުހާތައް ލިޔުއްވުން ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީއަށް ބަދަލުވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ ގާތްމީހުންގެ އެކައުންޓްތަކަށް ޖަމާވެގެންދާނެ ފައިސާގެ އަދަދުތައް ވަރަށް ގާތުން ބެލުމަށް ދައުލަތުގެ މުއައްސަސާތަކަށް، ޒެޑް ޑީއާރުޕީގެ މީޑިޔާ ޑައިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލި މާފަންނު ދާއިރާގެ އަހްމަދު ނިހާނު ހުސެއިން މަނިކު ގޮވާލައްވައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާނު މިއަދު ވިދާޅުވީ، ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަކިވަކިން ގުޅުއްވައިގެންނާއި އެ މެންބަރުންނާ ގުޅުންހުރި ފަރާތްތަކުގެ އާއިލާތަކާ ބައްދަލު ކުރައްވައި އެމްޑީޕީގެ ވިސްނުމާއި ފިކުރުގައި މަސައްކަތް ކުރެއްވުމަށް މަޖުބޫރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ކަމަކީ ޑިމޮކްރެޓިކް ރައީސަކު، ނުވަތަ ގައުމެއްގެ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއްގައި ރައީސަކު އަމަލު ކުރައްވާނެ ގޮތް ނޫން ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

"ފައިސާ ހޯއްދަވާތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އަޅުގަނޑު ގޮވާލަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް، މިފަދަ ފަރާތްތަކަށް ކޮންފަދަ ބޮޑު ހިތްވަރެއްތޯއޭ ދެއްވައިގެން މި ދަނީ. އަދި މިބޭފުޅުންގެ އެކައުންޓް ތަކާއި މި ބޭފުޅުންގެ ތިމާގެ ބޭބޭފުޅުންގެ އެކައުންޓްތަކާއި، މިބޭފުޅުންގެ މިލްކިއްޔާތުތަކަށް ކުރިއަށްއޮތް ދުވަސްތަކުގައި ޖަމާވާނެ ހުރިހާ ފައިސާއެއް ގާތުން ނޯޓްކޮށް ބެލުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އަޅުގަނޑު ގޮވައިލަން،" ނިހާނު ވިދާޅުވި އެވެ.

ޑީއާރުޕީގެ އެއް ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އަލީ ވަހީދު އެމްޑީޕީއަށް ބަދަލުވެ ވަޑައިގަތުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި، ނިހާނު ވިދާޅުވީ، އަލީ ވަހީދު އެމްޑީޕީއަށް ވަޑައިގަތުމަކުން ޒެޑް ޑީއާރުޕީގެ މަސައްކަތްތަކަށް އެއް ވެސް އަސަރެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އެއީ ހިތާމަހުރި ކަމެއް ކަމަށާއި އެ ކަމުގެ އަސަރު މުޅި އިސްލާހީ މަސައްކަތްތަކަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދަކީ އިސްލާހީ މަސައްކަތުގައި، ސަރުކާރު ޒިންމާދާރު ކުރުވުގައި ސީދާކޮށް ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕޯޑިއަމް ތަކުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އޭނާގެ މަސައްކަތް ބަލައިގަންނަ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ. އަދި އަލީ ވަހީދު އެމްޑީޕީއަށް ސޮއި ކުރައްވައިފި ނަމަ އިސްލާހީ މަސައްކަތްތައް ކުރުމަށް މަޖިލީހަށް މެންބަރުން ހޮއްވެވި ރައްޔިތުންގެ މޫނުގައި ޖަހާ ތަފާލަކަށް އެކަން ވެގެންދާނެ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.