16 Jun 2016, 16:14
ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ގޮއްވާލުމަށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެދިވަޑައިގަތުމަކަށް އައިއީޑީއެއް ހަދައިދިން ސިފައިންގެ މީހާ ދޫކޮށްލާފައި ނުވާނެ ކަމަށާއި، އޭނާއާ މެދު އަސްކަރިއްޔާއިން އަޅާންޖެހޭ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އަދީބު ވިދާޅުވެގެން އައިއީޑީއެއް ހަދައިދިން ގޮތް ސިއްރުން ކްރިމިނަލް ކޯޓުގައި ހެކިބަސްދެމުން އޭނާ ވަނީ ކްރިމިނަލް ކޯޓުގައި ކިޔައިދީފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ އެމީހާ ދޫކޮށްލި ކަމަށް ދެކެވޭ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫން ކަމަށާއި އޭނާ ހުންނާނީ ފުލުހުންގެ ބަންދުގައި ކަމަށެވެ.
"އެއްވެސް ހާލެއްގައި ނުރައްކާތެރި ހަތިޔާރު އުފައްދާނެ ބަޔަކު ނުވަތަ މީހަކު ސަރުކާރުގެ ބެލުމުގެ ދަށުން ނުވަތަ އޭނާގެ އަމަލުތައް ނުބެލެހެއްޓޭނެ ގޮތުން ހުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ކަމެއް. އަސްކަރިއްޔާއިން މި ދަނީ ގާތުން ބަލަމުން. އެފަދަ މީހަކު ދޫކޮށްލެވިފައެއް ނުވާނެ. އެމީހަކާ ދޭތެރޭގައި އަޅާންޖެހޭ ފިޔަވަޅު އަޅަމުން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ހެކިބަސްދިން އެމީހާ ބުނިގޮތުގައި އެ އައިއީޑީ އަދީބު އޭނަ ލައްވައި ތައްޔާރުކުރީ ގަލްފް ކްރާފްޓް ލޯންޗެއް ގޮއްވާލަން ކަމަށް ބުނެ އެވެ. އައިއީޑީ ތައްޔާރުކުރަން ތަކުރާރުކޮށް އަދީބު ތަކުރާރުކޮށް އެދިވަޑައިގަތް އިރު ދެއްކެވި ވާހަކަފުޅުތަކުން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ކުރިން 200 ގްރާމްގެ އެކްސްޕްލޯސިވްއެއް ތައްޔާރު ކުރަން ނިންމުމަށްފަހު އެންމެފަހުން ތައްޔާރުކޮށްދިނީ 60 ގްރާމްގެ އެކްސްޕްލޯސިވްއެއް ކަމަށް އޭނާ ބުންޏެވެ.