16 Jun 2016, 16:02
ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް ޕީއެޗްޑީ އަދި މާސްޓަސް ފެންވަރަށް ކިޔެވުމުގެ ފުރުސަތު އެ ޔުނިވާސިޓީން ހުޅުވާލައިފި އެވެ.
އެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު މުވައްޒަފުންނަށް ދިނުމަށް މިއަދު ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ބައްދަލުވުމުގައި ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ މި އަހަރު 20 މުވައްޒަފަކަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެއީ މާސްޓާސް އަށް ކިޔެވުމުގެ 10 ފުރުސަތާއި ޕީއެޗްޑީއަށް ކިޔެވުމުގެ 10 ފުރުސަތެވެ.
ޔުނިވާސިޓީން ބުނީ، އެތަނުގެ އިންސާނީ ވަސީލަތް އިތުރަށް ހަރުދަނާކޮށް ކިޔަވައިދިނުމުގެ މިންގަނޑާއި ފެންވަރު ހަރުދަނާ ކުރުމުގެ މަގްސަދުގައި ދޭން ނިންމި އެ ސްކޮލާޝިޕްގެ ފުރުސަތު ތަކަށް އެދުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
އެގޮތުން، ސްކޮލަޝިޕް ދިނުމަށް މާކްސް ދިނުމުގައި ޔުނިވާސިޓީގެ ވަޒީފާ އަދާކޮށްފައިވާ މުއްދަތަށާއި މަތީ ކޯސްތަކަށް ކިޔަވައިދޭ މިންވަރާއި މުވައްޒަފެއްގެ ވޯކް ލޯޑުގެ އިތުރުން މުވައްޒަފެއްގެ އެއް އަހަރު ދުވަހުގެ ޕާފޯމަންސްށާއި ފެކަލްޓީ ތަކުން ބާއްވާ އެކިއެކި އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އުޅޭ މިންވަރަށް ހާޒިރީއަށް ބަލާނެ އެވެ.