16 Jun 2016, 15:32
ޔޫރޯ 2016ގައި މުޅިން އަލަށް ވާދަކޮށް، ކުޅުނު ފުރަތަމަ މެޗުގައި ގަދަފަދަ ޕޯޗްގަލްއާ ވާދަކޮށް 1-1 ލަނޑުގެ ނަތީޖާއަކުން އެޓީމު ހިފަހައްޓައި އައިސްލޭންޑުން ޕޮއިންޓެއް ހޯދާފައިވާއިރު، މި މެޗަކީ އެ ޓީމުގެ ކެޕްޓަން އާރޮން ގުނަރސަންގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ ރަނގަޅަށް ކުޅުނު އެއް މެޗަށް ވެގެންދާނެއެވެ.
ޕޯޗްގަލް އަތުން ލިބުނު ޕޮއިންޓާއެކު މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އައިސްލެންޑަށް ވެސް ހުޅުވިފައިވާއިރު، ކާޑިފް ސިޓީގެ މިޑްފީލްޑަރަކަށް ކުޅޭ ގުނަރސަން ވެގެން ގޮސްފައިވަނީ، އެ މެޗުގައި ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ޖެހިޔަނުދީ ހިފެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއަށެވެ.
މެޗުގައި ރޮނާލްޑޯ ލަނޑެއް ކާމިޔާބުކުރިޔަ ނުދީ ހިފެހެއްޓި ނަމަވެސް، މެޗުގެ ރެފްރީ އެންމެ ފަހު ކަށިގަނޑު ރެފްރީ ފުމެލުމާއެކު، ރޮނާލްޑޯގެ ފޭނުންގެ ތެރޭން އެންމެ ފުރަތަމަ އޭނާއާ މުއާމަލާތެއް ކުރެވޭތޯ ބެލީ ގުނަރސަންއެވެ. މެޗު ނިމުމާއެކު ގުނަރސަން ގޮސް ރޮނާލްޑޯގެ ފަހަތުން ކޮނޑުގައި ހިފާލާފައި އޭނާގެ ޖާރޒީ ބަދަލު ކުރުމަށް އެދުނެވެ.
އައިސްލެންޑުގެ ކެޕްޓަން ގުނަރސަން ދެތިން ފަހަރަކު ރޮނާލްޑޯގެ ކޮނޑުގައި ކޮށްޓާލުމަށްފަހު، "ހޭ... ޝާރޓް؟ ޝާރޓް؟ ޝާރޓް؟" މިހެން ބުނާ މަންޒަރު ފެނެއެވެ. އެހެން ނަމަވެސް ތިން ފަހަރު ފީފާ ބެލޮންޑޯ އެވޯޑް ހާސިލްކޮށްފައި ވާ ރޮނާލްޑޯއަށް ގުނަރސަންގެ އާދޭހަށް ފަރުވާލެއް ނުބެހެއްޓިއެވެ. ނުވަތަ އެތެރެއަށް ދިއުމަށް އިޝާރާތްކުރެއެވެ.
މެޗުގެ ނަތީޖާއާއި އަދި މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ރޮނާލްޑޯގެ ފަހު މުބާރާތަަށް ވެގެންދާނޭ ކަމަށް ބެލެވޭއިރު، މެޗު ނިމެން ދަނިކޮށް ޕޯޗްގަލްއަށް ލިބުނު ދެ ހިލޭޖެހުމަކުން އައިސްލޭންޑް ގޯލަށް ރޮނާލްޑޯ އުފެއްދި ހަމަލާތައް ބޭކާރު ވުމާއެކު ވެސް ރޮނާލްޑޯ ހުރީ ރަނގަޅު މޫޑެއްގައި ނޫންކަމަށް ވެދާނެއެވެ.
ކޮންމެއަކަސް، ރޮނާލްޑޯގެ އެ މާޔޫސްކަމާއެކު، ގުނަރސަންގެ އެދުމަށް އޭނާ އިޖާބަ ނުދިން ނަމަވެސް، އެއީ ކުރި ބޭއިންސާފެއް ނުވަތަ ފުރައްސާރައެއްގެ ގޮތުގައި އައިސްލޭންޑުގެ ކެޕްޓަން ނުދެކެއެވެ.
ޕޯޗްގީޒް ކެޕްޓަން އައިސްލޭންޑުގެ ކެޕްޓަނަށް ޖާރޒީ ދިނުމަށް އިންކާރު ކުރާ މަންޒަރު ފެންނަ ވީޑިއޯ ވަނީ ދުނިޔޭގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ އޮންލައިން ނިއުސްތަކާއި، ސޯޝަލް މީޑިއާގައިވެސް ވަރަށް ގަދައަށް ދައުރުވާން ފަށައިފައެވެ.