16 Jun 2016, 15:19
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ހ. ހިލްޓަން އަޒްލިފް ރައޫފު މަރުވިކަން ކަށަވަރު ނުވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ، ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެ އިން ދާ ދިވެހީންގެ އަދަދަކީ ޢެންމެ 49 ކަމަށެވެ. އަދި ހަނގުރާމަތަކަށް ދާ ދިވެހީންގެ ތެރޭގައި ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ މުޖުރިމުން ވެސް ގިނަ އަދަދަކަށް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަޒްލިފް މިދިޔަ އަހަރު ސީރިއާއަށް ދިޔަ ކަމަށް ޚަބަރު ފެތުރިފައިވާ އިރު އޭނާ އެތަނުގައި ހަނގުރާމަކޮށް، މަރުވި ކަމުގެ ޚަބަރު ވެސް ފެތުރިފައިވެ އެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް ހަނގުރާމައިގައި މަރުވިކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ގާތުން ބަލަމުން. އަދި ކަށަވަރެއް ނުކުރެވޭ [އަޒްލިފް] މަރުވި ކަމެއް. އެކި ރިޕޯޓުތައް އެކި ގޮތަށް ލިބިފައި އެބަ ހުރި. އަޅުގަނޑުމެން އަދި ކޮންފާމެއް ނުކުރާނަން މަރުވެފައިވާ ކަމަކަށް،"
މިނިސްޓަރު މިހެން ވިދާޅުވި އިރު، އަޒްލިފް މަރުވިކަން އޭނާގެ އާއިލާއިންނާއި އޭނާ ދަންނަ ބައެއް މީހުން ބުނަމުން ދެ އެވެ. އަޒްލިފް ސީރިއާއަށް ދިޔަކަމަށް މީޑިއާގައި ރިޕޯޓު ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ނަމަވެސް ބައެއް ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި، 2015 ވަނަ އަހަރުގެ އޭޕްރިލް މަހު ބައެއް މީހުންނަށް ސްރީލަންކާ އިން އަޒްލިފްއާ ދިމާވެފައި އެބަ ހުއްޓެވެ.