16 Jun 2016, 15:56
މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވޯކް ގްރޫޕް) އެއް ގާއިމް ކުރުމާ ގުޅޭ ގޮތުން އުރީދޫ އާއެކު ކަސްޓަމްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ކަސްޓަމްސް އިމާރާތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނާ ޖެނެރަލް އިބްރާހިމް ޝަރީފް މުހައްމަދެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހެވެ.
ވޯކް ގްރޫޕް ހިދުމަތުގެ ސަބަބުން، އުރީދޫގެ ޚިދުމަތް ބޭނުންކުރާ ކަސްޓަމްސްގެ މުވައްޒަފުންނަށް ހިލޭ ފޯންކުރުމާއި މެސެޖް ކުރުމުގެ ހިދުމަތުގެ އިތުރުން ހެޔޮ އަގުގައި އިންޓަނެޓާއި ރޯމިން އަދި އެހެނިހެން ހިދުމަތްތައް ލިބޭނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނާ ޖެނެރަލް ޝަރީފް ވިދާޅުވީ، ކަސްޓަމްސްގެ މިހާރުގެ އަމާޒަކީ ވޯލްޑް ބޭންކްގެ ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ރަނގަޅުކުރަން ސިންގަލް ވިންޑޯ މެދުވެރިކޮށް އެކްސްޕޯޓް އިމްޕޯޓް އެންމެހާ ހިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.
އެގޮތުން ކޮންމެ ކަމަކަށް ވެސް މުވާސަލާތީ ނިޒާމާއި އިންޓަނެޓް ފަދަ ވަސީލަތްތަކަކީ މުހިއްމު ދައުރެއް އަދާކުރާ ކަމެއް ކަމަށް ފާހަގަކުރެއްވި އެވެ.