މަސްހުނި ފަދަ ތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ފަތުގެ ބާވަތްތަކުގެ އަގުތައް ބާޒާރުގައި މައްޗަށް ނުގޮސް އަދި ދަށަށް ވެސް ނުގޮސް އެއްވަރެއްގައި ހިފެހެއްޓިއްޖެ އެވެ.

ބާޒާރުގައި ހުރި ފަތުގެ ބާވަތްތަކަށް ބަލައިލާއިރު، ތިން ފަތް އެއްކޮށް ކޮޕީފަތް ބޮނޑިއެއް ވިއްކަނީ 20 ރުފިޔާ އަށެވެ. ކުއްޅަފިލާފަތް ބޮނޑިއެއް 12 ރުފިޔާއާ 15 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކާ އިރު، ޗައިނީސް ކެބެޖެއް ވިއްކަނީ 100 ރުފިޔާ އަށް ކިލޯއެކެވެ.

ރަތް މައްސާގު ފަތް 10 ރުފިޔާ އަށް އެއް ބޮނޑި ވިއްކާއިރު ކަންކުންފަތް ބޮނޑިއެއް ވިއްކަނީ ފަސް ރުފިޔާ އަށެވެ.

އެ އަގުތަކަކީ ރޯދަ ފެށުނު އިރު ގާތްގަނޑަކަށް ހުރި އަގުތަކެވެ.

ވިޔަފާރިވެރިން ބުނީ ފަތުގެ ބާވަތްތައް އަގު ބޮޑުނުވެ އެއްވަރެއްގައި ހިފެހެއްޓެނީ، "ޑިމާންޑާ އެއްވަރަށް ސަޕްލައި ރަށްތަކުން ލިބޭތީ" ކަމަށެވެ. އެގޮތުން ފަތް ހުސްނުވެ ތާޒާކަމާއެކު ރަށްރަށުން ލިބޭކަމަށް ބުންޏެވެ.