16 Jun 2016, 14:56
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން އަމަލުކުރާނެ އެއްގޮތްތަކެއް ކަނޑައަޅައި ލިޔެފައިވާ އަތްމަތީ ފޮތެއް ފުރަތަމަ ފަހަރަށް ތައްޔާރުކޮށް ނެރެފި އެވެ.
ވެލާނާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު މަސައްކަތްފެށި އެ ފޮތުގެ ސަބަބުން މިހާރު ތިއްބެވި ޕްރިންސިޕަލުންނާއި ޕްރިންސިޕަލުންގެ މަޤާމަށް އަލަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެ ސްކޫލަކަށް އެންމެ ރަނގަޅު ކަމަށް ފެންނަ ގޮތްތައް ނިންމުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ގޮތްތަކަކަށް އެކަން ނިންމުމަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ފޮތް އެކުލަވާލުމުގައި ބައިވެރިވީ މިނިސްޓްރީގެ ބޭފުޅުންނާއި، މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ތެރެއިން 10 ޕްރިންސިޕަލުންގެ ކޮމެޓީއަކުންނެވެ.
ރަސްމިއްޔާތުގައި ފޮތް އެކުލަވާލުމަށް އުފެއްދި ކޮމެޓީގެ އިސް މެމްބަރު އަބްދުﷲ އިސްމާއިލް ވިދާޅުވީ، އެ ފޮތަކީ ރާއްޖޭގެ ތަޖުރިބާކާރު ޕްރިންސިޕަލުންނާއި ރާއްޖޭން ބޭރުގެ މާހިރެއްގެ އެހީތެރިކަމާ އެކު ރާއްޖެއާ އެއްގޮތް ތައުލީމީ ނިޒާމުތަކެއް އޮންނަ ގައުމުތަކުން ވެސް މައުލޫމާތު އެއްކޮށްގެން ތައްޔާރު ކުރި ފޮތެއް ކަމަށެވެ.
މީގެ އިތުރުން ފޮތް އެކުލަވާލުމުގައި ކޮމެޓީގައި ނުހިމެނޭ ޕްރިންސިޕަލުންގެ ލަފަޔާއި ހިޔާލު ވެސް ހޯދާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ނެރުނު ފޮތަށް ވުރެ ފުރިހަމަ ދެވަނަ ފޮތެއް ނެރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އަމާޒަށް ވާސިލްވެވޭނީ ސްކޫލްތައް ހިންގަން ތިއްބެވި ބޭފުޅުންނަށް ބޭނުންވާ ހުނަރާއި މައުލޫމާތު ލިބިގެން ކަމަށެވެ.
އެގޮތުން ސްކޫލް ހިންގަވާ ބޭފުޅުންނާ ހަވާލުކޮށްގެން އެބޭފުޅުންގެ ވިސްނުންފުޅާއި އާރާއި ބާރު ލިބިގެން ސްކޫލްތައް ހިންގުމުގެ ބާރު ދިނުމަކީ މިނިސްޓްރީން މިހާރު އެންމެ ބޮޑު އެއް މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.