17 May 2011, 18:17
ނިއު ސެވަން ވޮންޑާސް މުބާރާތުން ދިވެހިރާއްޖެ ވަކިވުމަށް ސަރުކަރުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެ މުބާރާތުން ރާއްޖެ ވަކިވުމާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސާ ކުރަން ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް ނަންގަވާފައިވާ ކަމަށެވެ. އަދި ބުނީ ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން، ނިއު ސެވަން ވޮންޑާސް މުބާރާތުން ރާއްޖެ ވަކިވާން ނިންމީ ވަޒީރުންގެ ސަބް ކޮމިޓީގެ ހުށަހެޅުންތަކުގެ މައްޗަށް ވާހަކަ ދެއްކުމަށްފަހު ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ހުށަހެޅި ކަރުދާހުގައި، ބުނަނީ 2009 ވަނަ އަހަރުގެ ކުރީކޮޅު އެ މުބާރާތުގައި ރާއްޖެ ބައިވެރިވެ ފަހުން އެ މުބާރާތް އިންތިޒާމްކުރާ ފަރާތުން އަގު ބޮޑު ފީއަކާއި އަދި ސްޕޮންސާޝިޕް ޕެކެޖެއްގެ ހަރަދު ދައްކަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގައި އެދޭތީ މިކަމަކީ ވިޔަފާރީގެ އުސޫލުން ރަނގަޅު ގަވާއިދެއް ނެތި ހިންގާ މުބާރާތެއް ކަމަށެވެ.
މުބާރާތުން ރާއްޖެ ވަކިވަނީ އިންޑަސްޓްރީގެ ފަރާތްތަކާއި އެކިއެކި ސިނާއަތްތަކުގެ ވެރީންނާ ބައްދަލުކޮށް އެކަމާ މަޝްވަރާ ކުރުމުން މުބާރާތުން ރާއްޖެ ވަކިވާން އެ ފަރާތްތައް ވެސް މަޝްވަރާދިނުމުން ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީއާ ހަވާލާދީ ރައީސް އޮފީހުން ބުންޏެވެ.
މުބާރާތުން ވަކިވާ ނިންމި އިރު ރާއްޖެ މިވަގުތު އޮތީ ހަވަނައިގަ އެވެ.