ބަދިގޭގައި އާންމުކޮށް ކައްކަން ބޭނުންކުރާ މަހުގެ ބާވަތްތަކުގެ ތެރެއިން ކަނޑުމަސް އަދި ކަންނެލީގެ އަގު އަނެއްކާ ވެސް ދަށަށް ޖެހިލައިފި އެވެ.

ރޯދައިގެ ފުރަތަމަ 10 ދުވަސް ނިމިފައިވާ އިރު މަސްމާރުކޭޓުގައި މަސް ވިއްކަމުން އައީ އެހެން އަހަރުތަކުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސްތަކާ އަޅާ ބަލާއިރު އަގުބޮޑުކޮށެވެ. އެގޮތުން މީގެ ދެތިން ދުވަސް ކުރިން ކަނޑުމަހާއި ކަންނެލީގެ އަގު ވެސް ވަނީ އުފުލިފަ އެވެ.

މަހުގެ އަގުތަކަށް ބަލާ އިރު ގާތްގަނޑަކަށް ދެ ފޫޓު ހަމަވާވަރުގެ ކަޅުބިލަމަހެއް ވިއްކަނީ، މަހެއް 100 ރުފިޔާ އާއި 180 ދެމެދުގެ އަގުތަކެއްގަ އެވެ.

ގާތްގަނޑަކަށް ދެ ފޫޓު ހަމަވާވަރުގެ ތާޒާ ކަނޑުމަސް ވިއްކަނީ މަހެއް 250 ރުފިޔާ އާއި 200 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. މީގެ ކުރިން އެ ސައިޒުގެ ކަނޑުމަސް ވިއްކީ 250 ރުފިޔާއަށް ވުރެ މަތީ އަގުތަކެއްގަ އެވެ.

ކަންނެލި މަހަށް ބަލާ އިރު ގިނައީ ގާތްގަނޑަކަށް ދެ ފޫޓު ހުންނަ ވަރުގެ މަހެވެ. އެއިން ކަންނެއްޔެއް 40 ރުފިޔާ އާއި 75 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކާ އިރު، ކަންނެއްޔެއް ހަބަޔަށް ފަޅާފައި ފަޅިއެއް ވިއްކަނީ 20 ރުފިޔާ އަށެވެ.

މަސްމާރުކޭޓުގައި މަސް ވިއްކަން ތިބި ބައެއް މަސްވެރިންނާ ވާހަކަ ދައްކާލުމުން ބުނީ، ވެތުވެދިޔަ ދެ ދުވަހު މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން ކަންނެލި އަދި ކަނޑުމަސް ގިނަ އަދަދަކަށް ލިބުނު ކަމަށް މަސްވެރިން ބުނެ އެވެ.

ފަރުމަހުގެ ބާވަތްތަކަށް ބަލާ އިރު މާރުކޭޓުގައި ފަރުމަސް މަދެވެ. ރަތްމަސް ވިއްކަން ނެތް އިރު، ފޫޓެއް ވެސް ހަމަ ނުވާވަރުގެ ގިނި މަހެއް ވިއްކަނީ 60 ރުފިޔާ އަށެވެ. ކުރިން ވިއްކީ 70 ރުފިޔާއަށް މަހެކެވެ. ފޫޓެއް ހުންނަ ވަރުގެ ހަންޖެއް 150 އަށް ވިއްކާއިރު، ބޯވައެއް ވިއްކަނީ 80 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

ރެހި ޖޯޑެއް 15 ރުފިޔާއަށް ވިއްކާ އިރު، މުށިމަހެއް ވިއްކަނީ 10 ރުފިޔާއަށް މަހެކެވެ.