ބެއިޖިން (ޖޫން 16): ޗައިނާގެ ދެކުނާއި އިރުމަތީގައިވާ ޕްރޮވިންސުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 13 މީހަކު މަރުވެ، 13 މީހަކު ގެއްލިފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޖިއަންގްޝީ ޕްރޮވިންސު، ހުނާން ޕްރޮވިންސު، ގުއައިޒޯ ޕްރޮވިންސި، ގުއަންގްޑޮންގް ޕްރޮވިންސު އަދި ގުއަންޝީ ޒުއާންގް އޮޓޮނޮމަސް ރީޖަން ހިމެނެ އެވެ.

ޒިންހުއާގައިވާ ގޮތުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައި އެގައުމުގެ އެކި ސަރަހައްދުތަކުން 1600 އަށް ވުރެ ގިނަ ގެ ހަލާކުވެފައިވެ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ވަނީ އޭގެ ސަބަބުން ހާލުގައި ޖެހިފައިވާ 40،000 އަށް ވުރެ ގިނަ މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން، ގުއަންޝީގައި 20،200 ހެކްޓަރުގެ ގޮވާން ހަލާކުވެފައިވާ އިރު ގުއަންޝީ އާއި ގުއައިޒޯއަށް ލިބިފައިވާ ގެއްލުމުގެ އަގު 41.8 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ޒިންހުއާ އިން ލަފާކުރެ އެވެ.