ރާއްޖެ އިން ބޭރުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް މިހާތަނަށް ގޮސްފައި ވަނީ 49 މީހުން ކަމަށާއި ރާއްޖެ އިން ބޭރުގެ ހަނގުރާތަމަކަށް ގޮސްފައިވާ ކަމަށް އދ. އިން ބުނާ އަދަދު ގަބޫލު ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން މިއަދު ކޯސްޓްގާޑު ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާ މީހުންގެ އަދަދު ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށާއި ސަބަބަކީ އެމީހުން ފުރަތަމަ މާލެއިން ފުރައިގެން ދަނީ އެހެން ގައުމަކަށް ކަމަށް ވާތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ބޭރުގެ ގައުމުތަކަށް ގޮސްފައިވާ ދިވެހީންގެ އަދަދު ކަމުގައި ބެލެވެނީ 49 މީހުން ކަމަށެވެ.

"އަޅުގަނޑުމެން ބެލީ ޕޮލިހާއި ކައުންޓާ ޓެރަރިޒަމް ސެންޓަރާ އެމްއެންޑީއެފަށް ލިބިފައި ހުރި، ބޭރަށް ދިޔަކަމަށް ބެލެވޭ މީހުންގެ ލިސްޓު އަޅާ ކިއީ. މި ލިސްޓު އަޅާ ކީ އިރ،ު ތިން ފަރާތުގައި ވެސް ގާތްކުރާ އަދަދުތަކެއް އަދަދުތަކެއް ހުރި. ނަންތައް އަޅާ ކީ އިރު އަންނަނީ 49،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަދަދުތަކުގެ ތެރޭގައި، ސީރިއާއަށް ދާ މީހުން އެމީހުންނާ އެކު ގެންދާ ކުޑަކުދިން ނުހިމަނާ ކަމަށެވެ.

"މީގައި ތަރުޖަމާ ކުރަން އެބަ ޖެހޭ ރާއްޖެ އިން ބޭރަށް ހަނގުރާމައަށް ދާ މީހުންތޯ. އާންމު ގޮތެއްގައި ވާހަކަ ދެކެވެނީ ބޭރުގައި ހިނގާ ހަނގުރާމައެއްގައި ދާ މީހުން. އެ މީހުން ކަމަށް މި ބަލަނީ އެމީހެއްގެ އަމިއްލަ ހާލަށް، އެހެން ބަޔަކާ ދިމާކުރުމަށް ޓަކައި ނުކުމެވޭނެ ކަމުގެ ވިސްނުމެއް ފިކުރެއް ހުރި ވަރުގެ ބަޔަކަށް. އެހެންކަމުން ކުޑަކުދިން މީގައި ނުހިމަނަން،"

މިނިސްޓަރު ވިދާޅުވީ ފިރިމީހާއާ އެކު ދާ އަނބިމީހާ އެ ދަނީ ކޮން ނިޔަތެއްގައިކަން ނޭނގޭ ކަމުން އެމީހުން 49ގެ އަދަދުގައި ހިމަނާފައިވާނެ ކަމަށާއި ދުނިޔޭގައި މީހާރު ނެތްކަން ޔަގީންކަމާ އެކު ކަށަވަރުވާ މީހުން މި އަދަދުން އުނިކޮށްފައި ވާނެ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ މީހުން ހިމެނިފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސީރިއާއަށް ހަނގުރާމައަށް ބަޔަކު ދިޔަކަމަށް އެކި ފަހަރު މަތިން މީޑިއާގައި ރިޕޯޓު ކޮށްފައިވާ އިރު، އެމީހުންގެ އަދަދު 100 އަށް ވުރެ މަތި ވާނެ އެވެ. އަދި ސީރިއާގެ ހަނގުރާމައިގައި މަރުވި ދިވެހީންގެ އަދަދު 50 އަށް ވުރެ މަތިވާނެ އެވެ.

ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހީންގެ އަދަދަކީ 49 ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވާ އިރު، އދ.ގެ ސަލާމަތީ މަޖިލީހުގެ އެކްސްޕާޓް ޕެނަލަކުން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި، ރާއްޖެއިން ސީރިއާއަށް ހަނގުރާމައަށް ދަތުރުކުރާ ދިވެހީންގެ އަދަދު ވަރަށް ހަލުއިކަމާ އެކު އިތުރުވަމުންދާކަން ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން، ރާއްޖެ އިން 200 އަށް ވުރެ ގިނަ މީހުން ސީރިއާއަށް ދަތުރުކޮށްފައިވާ ކަމަށް އދ.ގެ ސަލާމަތާ ބެހޭ މާހިރަކު ބޭރުގެ މީޑިއާގައި ބުނެފައިވެ އެވެ.

ޑިފެންސް މިނިސްޓރު އާދަމް ޝަރީފް ވިދާޅުވީ، އެ ރިޕޯޓަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ރިޕޯޓެއް ނޫން ކަމަށެވެ.

"ޔުއެންގެ ރިޕޯޓަކީ އަޅުގަނޑުމެން ގަބޫލުކުރާ ރިޕޯޓެއް ނޫން. އެއީ އެކަށީގެންވާ ސައްހަ މައުލޫމާތާ އެކު އާންމުކުރި ރިޕޯޓެއް ކަމަށް ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ހަނގުރާމަތަކަށް ދަނީ ދީނީ ހަރުކަށި ވިސްނުމުގެ މީހުން އެކަނި ނޫން ކަމަށެވެ. އެގޮތުން ބޮޑެތި ކުށްތަކަށް އަރައިގެންފައިވާ މުޖުރިމުންނާއި ދީނީ ހޭލުންތެރިކަން ނެތް މީހުންގެ އިތުރުން ސްކޫލު ނުނިންމައި ބޮޑެތިވާ މީހުން ވެސް އެކަންކަމުގައި ބައިވެރިވެގެން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ރާއްޖެ އިން މީހުން ހަނގުރާމަތަކަށް ފޮނުވާ ޖަމާޢަތްތަކެއް ނުހުންނަ ކަމަށާއި ނަމަވެސް ވަކިވަކި ފަރުދުން އެކަން ކުރާކަން ފާހަގަކުރެވި، ތުހުމަތު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް، އެމީހުންނާ މެދު ފިޔަވަޅު އެޅޭ ވަރުގެ ހެކި ލިބިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.