16 Jun 2016, 12:40
ތެލަސީމިއާ ކުދިން އެ ބަލިން ފަސޭހަ ކުރުމަށް އޮތް ހަމަ އެކަނި ގޮތް ކަމަށްވާ ބޯންމެރޯ ޓްރާސްޕްލާންޓް، ޒަކާތު ފަންޑުގެ އެހީގައި ހެދި ފަރާތްތަކުގެ ރިވިއު ހެދުމަށް ޒަކާތުގެ ފަންޑުގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.
ސަރުކާރުން މިދިޔަ އަހަރު ބުނެފައިވާ ގޮތުން، ބޯން މެރޯ ހެދުމަށް ބޭނުންވާ 34 ކުއްޖަކު ރާއްޖޭގައި ތިއްބެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން މިދިޔަ އަހަރު ޒަކާތު ފަންޑުގެ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ އިރު، އޭގެ ތެރެއިން ފުރަތަމަ 10 ކުދިން ފުރާފައި ވަނީ 2015 ގެ މާރިޗު މަހު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް މިކަން ކުރުމަށް ނިންމެވީ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދި ކުރިން އެ އޮޕަރޭޝަނަށް ފަހު، މޯލްޑިވިއަން ބްލަޑް ސާވިސްގެ ބެލުމުގެ ދަށުން އަހަރު ދުވަސް ވަންދެން ފަރުވާ ހޯދައި، އެކުދިން އޮޕަރޭޝަންކުރި ހޮސްޕިޓަލުގެ ޑޮކްޓަރަކަށް އަލުން ދައްކައި އަދި ރިވިއުއެއް ހެދުމަށް ޑިސްޗާޖު ސަމަރީގައި އެދިފައި ވާތީ ކަމަށެވެ.
"މި ރިވިއު ހެދުމަށް މިކުދިން ފޮނުވުމުގެ އިންތިޒާމް ޒަކާތު ފަންޑުގެ ދަށުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ،" ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި ބޯން މެރޯ ހެދުމަށް މިދިޔަ އަހަރު 18 ކުއްޖަކު ފޮނުވި އިރު އޭގެ ތެރެއިން 16 ކުއްޖަކު މިހާރު ވަނީ ތެލެސީމިއާ ބަލިން މުޅިން ސަލާމަތް ވެފައެވެ.
ބޯން މެރޯ ޓްރާންސްޕްލާންޓު ހެދުމަށް ފަހު ތިން މަސް ވަންދެން އެ ކުއްޖަކު އެ ގައުމެއްގައި މަޑުކުރަންޖެހެ އެވެ. އަދި ޒަކާތު ފަންޑުން އެ ކުއްޖާއަށާއި އެ ކުއްޖާގެ ބެލެނިވެރިންގެ ޓިކެޓާއި ހުރިހާ ޚަރަދުތައް ވެސް ހަމަޖައްސައިދޭނެ އެވެ.
އެގޮތުން، ކޮންމެ ކުއްޖަކަށް ގާތްގަނޑަކަށް 45،000 ޑޮލަރު ޒަކާތު ފަންޑުން ޚަރަދުކުރާއިރު، ބޯން މެރޯ އޮޕަރޭޝަނަށް ގާތްގަނޑަކަށް 30،000 ނުވަތަ 35،000 ޑޮލަރު ހޭދަވާނެ ކަމަށް އެންސްޕާއިން ބުންޏެވެ.