16 Jun 2016, 12:45
ދުނިޔޭގައި ޖިންސީ ހަމަހަމަކަން ޕްރޮމޯޓްކޮށް އަންހެނުން ބާރުވެރިކުރުވުމަށް ޔުނައިޓެޑް ނޭޝަންސް (އދ.) ގެ ގުޑްވިލް އެމްބެސެޑަރުކަމުގެ މަގާމަށް ހޮލީވުޑްގެ ބަތަލާ އޭން ހެތަވޭ އައްޔަންކޮށްފި އެވެ.
އިޖްތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން އަންހެނުންނަށާއި އަންހެން ކުދިންނަށް ބޭނުންވާ ކަންތައްތައް ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް 2010 ވަނަ އަހަރު އުފެއްދި ޔޫއެން ވިމެންގެ ގުޑްވިލް އެމްބެސެޑަރަކަށް އޮސްކާ ހޯދާފައިވާ ހެތަވޭ އައްޔަންކޮށްފައިވަނީ އިއްޔެ އެވެ.
ވިމެން ގުޑްވިލް އެމްބެސެޑަރުންގެ ލިސްޓުގައި ހޮލީވުޑްގެ އެކްޓްރެސް ނިކޯލް ކިޑްމަން އާއި އެމާ ވަޓްސަން އަދި އެންޖަލީނާ ޖޯލީ ހިމެނެ އެވެ.
އދ. ގެ ބަޔާނެއްގައި ބުނީ، ހެތަވޭ މަސައްކަތްކުރާނީ އެންމެންނަށް އަތްފޯރާ ޗައިލްޑްކެއާ ސާވިސް އެއް ހޯދުމަށާއި ސަރުކާރާއި ކޯޕަރޭޓް ލެވެލްގައި މަސައްކަތްކުރާ ދެމަފިރިން ބަހާލައިގެން ޕޭރަންޓަލް ލީވް އަށް ދެވޭނެ ގޮތްތަކެއް ބައިނަލްއަގްވާމީ ފެންވަރެއްގައި ހޯދައި އެ ބަދަލުތައް ގެނައުމުގައި އުސޫލްތަކެށް ކަނޑައެޅުމުގައި ކަމަށެވެ.
ހޮލީވުޑް ފިލްމު، "ލެސް މިސްރެބަލްސް"ގެ ތަރި ހެތަވޭ ވަނީ މީގެ ކުރިން ނައިކީ ފައުންޑޭޝަނާއެކު ކެންޔާ އަދި އިތިއޯޕިއާއަށް ދަތުރުކޮށް ކުޑަކުދިން ކައިވެނިކުރުމާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއްގައި ބައިވެރިވެފައެވެ.
އޭގެ އިތުރުން، ފެންވަރު ރަނގަޅު ތައުލީމެއް ހޯދުމަށް ދުނިޔޭގެ ހަތް އަންހެން ކުއްޖަކު ކުރި ބުރަ މަސައްކަތް ދައްކައިދޭ ގޮތަށް 2013 ވަނަ އަހަރު ސީއެންއެން އިން އުފެއްދި ޑޮކިއުމެންޓަރީ ގައި ވެސް ހެތަވޭ ވަނީ ބައިވެރިވެފައެވެ.