16 Jun 2016, 11:52
ސަރުކާރު ހިންގާ ޕީޕީއެމް އިން 2013 ވަނަ އަހަރު ބޭއްވި ޕްރައިމަރީން އިބްރަތް ހާސިލުކޮށްގެން ރައީސް އަބްދުﷲ ޔާމީން އަށް 2018 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ދޭން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު، ޕްރައިމަރީއަކާ ނުލައި ދިނުމަށް ގޮވާލާ ޕެޓިޝަނެއްގައި އެ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުން ސޮއިކޮށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހުށަހަޅާފައިވާ އިރު މިނިސްޓަރު ޒަމީރު ވިދާޅުވީ ޕީޕީއެމް ވަރުގަދަކޮށް އެއްބައިވަންތަ ކުރުމަށް 2018ގެ ރިޔާސީ އިންތިހާބުގެ އެޕާޓީގެ ޓިކެޓު ރައީސް ޔާމީން އަށް ދޭން ޖެހޭ ކަމަށެވެ.
To strengthen & unite PPM it is imperative that P Yameen be granted party ticket uncontested for 2018. Lesson learned from last pr primary!
— Moosa Zameer (@MoosaZameer)June 15, 2016
އެޓިކެޓު ދޭން ޖެހެނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ކެންޑިޑޭޓަރު ހޮވުމަށް ބޭއްވި ޕްރައިމަރީން އިބްރަތް ހާސިލްކޮށްގެން ކަމަށް ޒަމީރު ވަނީ ވިދާޅުވެފަ އެވެ. ޒަމީރު އެހެން ވިދާޅުވެފައިވާ އިރު 2013ގެ ޕީޕީއެމް ޕްރައިމަރީގައި ވާދަކުރެއްވީ ރައީސް ޔާމީން އާއި ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
އެ ޓިކެޓް ރައީސް ޔާމީން ކާމިޔާބު ކުރެއްވި އިރު ހޫނު ބަހުސްތަކަކަށް ފަހު އުމަރު ވަނީ އިދިކޮޅު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިންތިހާބު ކުރާނީ ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް އެ ގަވައިދުގައި ބުނާ ގޮތުގައި ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެ، ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރާ ފަރާތަކުން ދެ ވަނަ ދައުރަކަށް ވާދަކުރަން ބޭނުން ނަމަ، ޕްރައިމަރީއަކާ ނުލާ ޓިކެޓު ދެވިދާނެ އެވެ. އެ ފަރާތަކާ ވާދަކޮށް، ޓިކެޓު ހޯދަން އިތުރު ފަރާތަކުން އެދޭ ނަމަ، ޕްރައިމަރީއެއް ބާއްވަން ޕާޓީގެ މެމްބަރުންނަށް ފެނޭތޯ ބެލުމަށް ކޮންގްރެސްއެއް ބާއްވަން ޖެހެ އެވެ.