16 Jun 2016, 12:13
މަތީ ތައުލީމަށް ކިޔެވުމަށް އިންޑިއަން ކައުންސިލް ފޮ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން ރާއްޖެއަށް ދިން ސްކޮލަޝިޕް ލިބުނު 20 ކުއްޖަކަށް އިއްޔެ އެވޯޑު ހަވާލުކޮށްފި އެވެ.
އިއްޔެ 20 ކުއްޖަކަށް އެވޯޑު ހަވާލު ކުރި އިރު، 27 ކުއްޖަކަށް ވަނީ ސްކޮލާޝިޕް ލިބިފައެވެ. އިންޑިއަން ހައި ކޮމިޝަނުން ބުނީ ބާކީ ތިބި ހަތް ކުދިންނަށް ވެސް ވަރަށް އަވަހަށް އެވޯޑު ހަވާލު ކުރާނެ ކަމަށެވެ.
ސްކޮލާޝިޕް ލިބުނު ދަރިވަރުން ކިޔަވަމުންދާނީ ދިއްލީ ޔުނިވަރސިޓީ އަދި ހައިދަރްއާބާދްގެ އޮސްމޭނިއާ ޔުނިވަރސިޓީގައެވެ.

އައިސީސީއާރުގެ ދަށުން އިންޑިއާ އިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ސްކޮލަރޝިޕްގެ 39 ފުރުސަތު ކަނޑައަޅާ އިރު، އެ ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އިންޑިއާ ސަރުކާރުންނެވެ. އެގޮތުން އިންޑިއާ އަށް ދިއުމާއި އެ ގައުމުގައި ދިރިއުޅުމުގެ ހަރަދާއި ކޯސް ފީ ވެސް ހިމެނެ އެވެ.
އައިސީސީއާރު ސްކޮލަރޝިޕް ލިބިގެން އިއްޔެ އެވޯޑު ހަވާލު ކުރި 20 ދަރިވަރުން އިންޑިއާ އަށް ފުރާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.