ވޮޝިންޓަން (ޖޫން 16): ޓެރާ ވޮޗް ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ބަޑި ވިއްކުން ހުއްޓުވަން ޖެހޭ ކަމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައްޔިތުންނަށް ބަޑި ގެންގުޅުމުގެ ހައްގު އޮންނަން ޖެހޭ ކަމަށް މީގެ ކުރިން ވިދާޅުވަމުން އައި ޓުރަމްޕް ވަނީ އެ މައްސަލައާ ބެހޭ ގޮތުން އެ ގައުމުގެ ނެޝަނަލް ރައިފަލް އެސޯސިއޭޝަން (އެންއާރުއޭ) މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ޓެރަރިސްޓް ވޮޗް ލިސްޓާއި އުދުހުން މަނާ ކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކަށް ބަޑި ވިއްކުން މަނާ ކުރުމާ ބެހޭ ގޮތުން [މަޝްވަރާ ކުރުމަށް] އަޅުގަނޑު އެންއާރުއޭއާ ބައްދަލު ކުރާނަން،" ޓްރަމްޕްގެ ޓުވީޓުގައިވެ އެވެ.

އެންއާރުއޭއަކީ ބަޑި ގެންގުޅުމުގެ ހައްގަށް ވަކާލާތު ކުރާ އަދި ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ތާއިދު ކުރަން ނިންމާފައިވާ ޖަމްއިއްޔާއެކެވެ.

ޓުރަމްޕްގެ ޓުވީޓާ ގުޅިގެން އެންއާރުއޭ އިން ވަނީ އެޖަމްއިއްޔާއަކީ އަބަދުވެސް ޓެރަރިސްޓުންނަށް ބަޑި ވިއްކުމާ ދެކޮޅު ހަދާ ޖަމްއިއްޔާއެއް ކަމަށާއި ނަމަވެސް އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ޓްރަމްޕާ ބައްދަލު ކުރުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.

"ޓެރާ ވޮޗް ލިސްޓުގައިވާ މީހަކު ބަޑިއެއް ގަންނަން މަސައްކަތް ކުރުމުން އެފްބީއައި އިން އެކަން ރަނގަޅަށް ތަހުގީގު ކުރަން ޖެހޭނެ. އަދި ތަހުގީގު ކުރިއަށް ދާ ނަމަ ބަޑި ވިއްކުން ލަސް ކުރަން ޖެހޭނެ،" އެންއާރުއޭގެ ބަޔާނުގައިވެ އެވެ.

ނަމަވެސް، ޓެރާ ވޮޗް ލިސްޓުގައި ހިމެނޭ ކުށް ނުކުރާ ފަރާތްތަކުގެ ނަން ފޮހެލައި، އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އެންއާރުއޭ އިން ވަނީ ފާހަގަ ކޮށްފަ އެވެ.

އޯލަންޑޯގެ ކްލަބެއްގައި މިދިޔަ އާދިއްތަ ދުވަހު ބަޑިން ހަމަލާދީ 49 މީހަކު މަރާލި އުމަރު މަތީނަކީ މީގެ ކުރިން އެފްބީއައިގެ ޓެރާ ވޮޗް ލިސްޓުގައި ހިމަނައި، ތަހުގީގު ކޮށްފައިވާ މީހެކެވެ. ނަމަވެސް، އެތަހުގީގަށް ފަހު އެފްބީއައި އިން ނިންމީ އޭނާ ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި މަތީން ވަނީ އޭގެ ފަހުން މިޖޫން މަސް ތެރޭގައި ރައިފަލް އަކާއި ހޭންޑްގަންއެއް ގަނެފަ އެވެ.

ރައީސް ބަރަކް އޮބާމާ އާއި ޑިމޮކްރަޓިކް ޕާޓީ ފަދަ ބަޑި ވިއްކުން ކޮންޓްރޯލް ކުރަން ގޮވާލާ ފަރާތްތަކުން ވަނީ އޯލަންޑޯގައި ދިން ހަމަލާއަކީ ބަޑި ވިއްކުން ކޮންޓްރޯލް ޖެހޭ ކަމުގެ ހެކި ކަމަށް ބުނެފަ އެވެ. (ބީބީސީ)