ކޮންމެ މީހަކަށް ވެސް ކަމެއްގެ ތެދު ހަގީގަތް އިނގޭނެ ދުވަހެއް އަންނާނެ އެވެ. ތެދު ވިސްނޭނެ ދުވަހެއް އަންނާނެ އެވެ. އެކި މީހުންނަށް އެކަން އިނގޭނީ އެކި ގޮތަށް އެކި ވަގުތުގައެވެ. ލޯޔަރަކަށްވާން ކިޔަވަމުންދިޔަ، މޮއިޝާ ކްރިވިޓްސީ އަށް ތެދު ހަގީގަތާއި ކުރިމަތިލި އިރު، އޮންނަންޖެހުނީ ޖަލުގެ ތޭރިތަކުގެ ތެރޭގައެވެ.

މިއަދު މޫސާ (އިސްލާމް ވުމަށްފަހު މޮއިޝާއަށް ދެވުނު ނަން) ދިރިއުޅެމުންދަނީ ރަޝިއާގެ ފަރުބަދަމަތީ ހިސާބެއް ކަމަށްވާ މަކާކާލައި ހިސާބުގައި ހުންނަ އަލް ބުރިކަންޓް ނަމަކަށް ކިޔާ ކުޑަ މިސްކިތެއްގައެވެ. ސެންޓަރަލް ޖުމާ މިސްކިތުގައި ގަޑި ހަދާ މީހެއްގެ މަސައްކަތްކުރާ މޫސާ އިސްލާމްވި ގޮތް ނިކަން އައްސަވާށެވެ.

މަތީ ތައުލީމު ހާސިލްކުރުމަށްފަހު މޫސާ މިހާރު ދިރިއުޅެމުން އަންނަ މަކާކާލައި އަށް ދިރިއުޅުން ބަދަލުކުރި އެވެ. ރައްބީ އެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔައީ އެ ސިޓީގެ މިސްކިތެއް ކައިރީގައި ހުންނަ ނަސޯރާއިންގެ ފައްޅިއެއްގައެވެ. މިސްކިތަށް އަރާ ފައިބާ މޫސާގެ ރައްޓެހިން ބައެއް ފަހަރު އޭނާއާ ވާހަކަދައްކާލައި ހާލުބަލާލަން ފައްޅިއަށް އައިސްއުޅުނެވެ. އަދި ބައެއް ފަހަރު މިސްކިތްތެރޭގައި މުސްލިމުން އަޅުކަން އަދާކުރާގޮތް މޫސާ ވެސް ބަލާލަންދެ އެވެ.

މިކަންތައްތަކުގެ ސަބަބުން މޫސާއަށް ހިތްހަމަޖެހުން ލިބުނެވެ. މުސްލިމުންނާ ބައްދަލުވެ މިސްކިތައް ގޮސް އުޅުމުގެ ފުރުސަތު ލިބުމުން އުފާވި އެވެ.

ދުވަސްތައް ފާއިތުވެ ގޮސް، އެއް އަހަރެއްގެ ރަމަޟާން މަހުގެ ތެރެއެވެ. މުސްލިމް އަންހެނަކު އޭނާއަށް، ރަޝިއާ ބަހުން ތަރުޖަމާ ކޮށްފައިއޮތް ހަތިމެއް ގެނެސް، އެ ކިއުމަށް އެދުނެވެ. އަދި އެ އަންހެން މީހާއަށް ކްރިސްޓިއަނުން ކިޔާ، ތައުރާތު ދިނުމަށް އެދުނެވެ.

އެ އަންހެން މީހާ ދިން ޤުރުއާންގެ ތަރުޖަމާ ކިއުމަށް މޫސާ އެތައް ފަހަރެއްގެ މަތިން މަސައްކަތްކުރި އެވެ. އެކަން އޭނާއަށް އުދަނގޫ ކަމަކަށްވި ނަމަވެސް، އިސްލާމްދީން ގަބޫލުކުރާ ކަންތައްތައް މަޑުމަޑުން އެނގެންފެށި އެވެ. މީގެ ކުރިން ޖަވާބު ހޯދަން ބޭނުންނުވާ ކިތަންމެ ސުވާލެއް ހުއްޓެވެ. މޫސާގެ ހިތުގައި އުފެދިފައި ހުރި އެތައް ސުވާލުތަކަކަށް ޖަވާބު ލިބުނީ، ކީރިތި ޤުރުއާނުންނެވެ.

"އަހަންނަށް ގުރުއާންގެ ތަރުޖަމާ ކިޔުމުން އެތައް ސުވާލެއްގެ ޖަވާބު ލިބުނު. ނަމަވެސް ހުރިހާ ސުވާލަކަށް ޖަވާބެއް ނުލިބޭނެ. އެއީ ތަރުޖަމާ ލިޔެފައި އޮތީ އަރަބި ބަހަކުން ނޫން. ކްރިސްޓިއަނުން އަހަންނަށް ޖަވާބު ނުލިބުނޭ ބުނާކަށް ނޭނގެ. ކޮންމެ ކަމެއްވެސް ވާނީ މާތް ﷲ އެކަމަކަށް އިރާދަކުރެއްވުމުން،" މޫސާ ބުންޏެވެ.

ކީރިތި ޤުރުއާނަކީ ޖިބްރީލްގެފާނު މެދުވެރިކޮށް، މުހައްމަދުގެފާނަށް މާތްﷲ ބާއްވައިލެއްވި ފޮތެވެ. އާލަމްތަކަށް ރަހުމަތެއްގެ ގޮތުގައި، އަބަދަށް ދެމިއޮންނިވި، ތެދުމަގު ދައްކައިދޭ ފޮތެކެވެ. ތެދުމަގާއި އިސްލާމްދީނުގެ ހިދާޔަތް މޫސައަށް ދައްކައިދިނީ އެ ފޮތެވެ. މޫސާ ގަބޫލުކުރާ ގޮތުގައި އެއީ މާތްﷲ އޭނާއަށް މިންވަރު ކުރެއްވި ގޮތެވެ.

ޤުރުއާން ކިޔަވަން ފެށުމުން އެ ފޮތަށް މޫސަ ޝައުގުވެރިވި އެވެ. އިސްލާމްދީން އިތުރަށް ބޮޑަށް ދިރާސާކުރަން ބޭނުންވި އެވެ. މުޅި އުއްމަތަށް ފޮނުއްވި މާތް ނަބިއްޔާގެ މާތް ސިފަފުޅުތަކާއި ރަސޫލާއަށް ދެއްކެވި މުއުޖިޒާތްތަކާއި ނިޝާންތައް ހޯދަން ކެތްމަދުވި އެވެ.

ކުރި ދިރާސާތަކުން، ކީރިތި ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިން އިތުރު ރަސޫލުންތަކަކާއި ނަބީންތަކެއް ދުނިޔެއަށް ފޮނުއްވާފައިވާކަން ކީރިތި ރަސޫލާ ވިދާޅުވެފައިވާ ކަން މޫސާއަށް ހާމަވި އެވެ. ހައިރާންކަމެއް ލިބުނީ ދުނިޔެއަށް ފޮނުއްވި ރަސޫލުންނާއި ނަބީންގެ ނަންތަކާއި ސިފަފުޅުތަކަށް ތައުރާތާއި އިންޖީލުގައި ވެސް އޮތުމުންނެވެ.

މޫސާ އަކީ މިއަދު ފުރިހަމަ މުސްލިމެކެވެ. ހިދާޔަތުގެ ތެދު މަގުގައި ސާބިތުވެ ހުރި މާތްﷲ އަޅެކެވެ. މޫސާ ބުނާގޮތުންނަމަ، އިސްލާމްދީން ގަބޫލުކުރުމުން މީހަކަށް، އިސްލާމްދީން އެހީވެދެއެވެ. ބިމުގައި ސާބިތުކަމާއެކު ހުރުމަށް ހިތްވަރު ލިބެއެވެ. ނަމަވެސް މޫސާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުސްލިމުން ކޮންމެހެން ކުރަންޖެހޭ، ކަންތައް ނުކުރެވި އެކަމަށް އަމިއްލަ އުޒުރުތަކެއް ދެއްކުމެވެ.