މިއީ ބެލްޖިއަމަށް އުފަން، ޖޯޖެޓް ލެޕޯލް (ނޫރު އިސްލާމް)ގެ ވާހަކައެވެ. އުމުރުން 91 އަހަރުގައި އޭނާއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނު ގޮތުގެ ވާހަކައެވެ. އޭނާ އަކީ އިސްލާމްދީން ގަބޫލު ކުރި އެންމެ ދުވަސްވީ މީހާ އެވެ.

ނޫރު އަކީ ކުރިން ނަޞާރާ ދީނުގެ މީހެކެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން އޭނާގެ އާއިލާއިން ބޭނުންވީ ދުވަސްވީ މީހުން ބަލާ މަރުކަޒަކަށް ނޫރު ބަދަލުކުރާށެވެ. ނަމަވެސް 40 އަހަރަށް ވުރެ ގިނަ ދުވަސްވީ ނޫރުގެ އަވަށްޓެރި މުހައްމަދު މައްދާހު ވަނީ ނޫރު އޭނާގެ ގޭގައި ބައިންދަން އެއްބަސްވެފައެވެ.

މުހައްމަދުގެ ގޭގައި ނޫރަށް ހިޔާވަހިކަން ދިނުން ވެގެން ދިޔައީ އިސްލާމްދީނުގެ ކަންކަން ދެނެގަތުމަށް އޭނާއަށް މުހައްމަދު ކޮށައިދިން މަގަކަށެވެ. އިސްލާމްދީނުގެ ކަންކަން އެނގި، ދީނަށް ޝައުގު އުފެދުނީ އެހިސާބުންނެވެ.

"އެމީހުން އެކުގައި ނަމާދުކުރާތަން އަހަންނަށް ފެނުނު. އެކަކު އަނެކަކަށް އަޅާލާ ގޮތާއި ވާހަކަ ދައްކާ ގޮތް ފެނުނު. އެމީހުންނަށް އާއިލާ އަކީ ވަރަށް މުހިންމު ކަމެއް. އަހަރެންގެ އާއިލާ ކަހަލަ އެއް ނޫން،" އިސްލާމްދީނާ މެދު ޝައުގު އުފެދުނު ގޮތް ނޫރު ކިޔައިދިނެވެ.

މުހައްމަދުގެ އާއިލާއާއެކު ދިރިއުޅުމުގެ ތެރޭގައި ދަތުރެއްގައި މަޣްރިބަށް ދިއުމުގެ ފުރުސަތު ނޫރަށް ލިބުނެވެ. ކަން ދިމާކުރި ގޮތުން އެއީ ރަމަޟާން މަހެކެވެ. ރޯދަ ހިފުމުގެ ކަންކަން ނޫރަށް ކޮންމެސް ވަރަކަށް އެނގުނު ނަމަވެސް، އޭނާ އަކީ ކުރިން އެއްވެސް ވަރަކަށް ނަޞާރާ ދީނުގެ ކަންކަން ވެސް ބަލައި އުޅުނު މީހެއް ނޫނެވެ.

ޖޯޖެޓް ލެޕޯލް (ނޫރު އިސްލާމް) އަދި މުހައްމަދު މައްދާހު: ނޫރު އިސްލާމްދީނުގެ ކަންކަމަށް ޝައުގު އުފެދުނީ މުހައްމަދުގެ ގޭގައި އުޅެން ފެށުމުން ---

ނަމަވެސް އެދަތުރުގައި މުސްލިމުންގެ ރޯދައިގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން، ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. މާތް މަތިވެރި ފަރާތެއް ވާކަމުގެ އިހުސާސް އޭނާއަށް ފުރަތަމަ ކުރެވުނީ އެދުވަހު އެވެ.

ކުޅަދުންވަންތަ އިލާހެއް ވާކަމުގެ އިހުސާސް ކުރެވުމުން، ނޫރު ވަނީ ދެ ކަމަކަށް އެދި ދުއާ ކޮށްފައެވެ. އޭނާގެ އެކުވެރިއަކު ބަލިން ފަސޭހަކޮށް ދެއްވުމަށާއި، މަގުއޮޅިފައިވާ ކުޑަ ކުއްޖަކަށް މަގު ދެއްކެވުމެވެ. އޭނާ ކުރި ދެ ދުއާ ވެސް އިޖާބަކުރެއްވި އެވެ. ނޫރު އިސްލާމްދީން ގަބޫލުކޮށް، މުސްލިމަކަށް ވީ އެދުވަހު އެވެ. އެއީ 2011 ވަނަ އަހަރު އެވެ.

ނޫރު ބުނީ އިސްލާމްދީން ގަބޫލުކުރުމާ އެކު، މުސްލިމުންގެ ފަރާތުން އޭނާއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައި، އޭނާއަށް ހެޔޮ ދުއާ ކުރި ކަމަށެވެ. ނަމަވެސް އޭނާ ބަނޑުއަޅައި ވިހެއި އަންހެން ދަރިފުޅު އޭނާއާ ގުޅުން ކަނޑާލި އެވެ.

ކުޑައިރުން ފެށިގެން އޭނާގެ ކިބައިގައި ހުރި ސިނގިރޭޓު ބުއިމާއި ރާ ބުއިމުގެ އާދަ ފިލުވާލަން އުނދަގޫވި ނަމަވެސް، އެ ހުރިހާ ކަމަކާ ދުރަށް ދިޔައެވެ. މޭކަޕް ކުރުން ހުއްޓާލި އެވެ.

ދީން ބަދަލުކޮށް، ރަސްމީ ލިޔެކިޔުންތައް ބަދަލު ކުރީ ބެލްޖިއަމްގެ އެންމެ ބޮޑު މިސްކިތުގައެވެ. ނޫރު އިސްލާމްވިކަން އެ މިސްކިތުން އިއުލާނު ކުރުމާ އެކު، އޭނާ ވެގެން ދިޔައީ އިސްލާމްދީން ގަބޫލު ކުރި އެންމެ ދުވަސްވީ މީހާ އަށެވެ.

އެ ހަބަރު އާންމުވުމާ އެކު ސައުދީ އަރަބިއްޔާގެ ރަސްގެފާނުވެސް ވަނީ ނޫރު އާ ވާހަކަދައްކައިފައެވެ. އަދި ޖެހިގެން އައި އަހަރު، ސައުދީ ރަސްގެފާނުގެ ހަރަދުގައި މައްކާއަށް ދިއުމުގެ ފުރުސަތުވެސް ނޫރަށް ލިބިގެން ދިޔައެވެ.