16 Jun 2016, 11:31
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސްކީމް"ގައި މިހާތަނަށް ޖުމުލަ 21 ފަރާތަކުން ބައިވެރިވެއްޖެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ސްކީމުގައި ބައިވެރިވާ ފަރާތްތައް އިތުރުވެ، އެކަމުގެ މައުލޫމާތު ހޯދަމުންދާ އިދާރާތައް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް އެ ސްކީމުގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން 21 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.
އެ ސްކީމުގައި އެންމެ ފަހުން ބައިވެރިވެފައިވަނީ ޖުޑީޝަލް ސާވިސް އެޑްމިނިސްޓްރޭޝަނުންނެވެ.
ުމުވައްޒަފުންގެ ސްކީމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި އެސްޓީއޯ، ހޯމް މިނިސްޓްރީ، އެއާޕޯޓްސް ކޮމްޕެނީ، އެޗްޑީސީ، ކަސްޓަމްސް ސާވިސް، ފުލުހުންގެ އިދާރާ، އެމްޑަބްލިޔުއެސްސީ، އައިޖީއެމްއެޗް، ކަރެކްޝަނަލް ސާވިސްގެ އިތުރުން ފިނޭންސް މިނިސްޓްރީ، ހެލްތް މިނިސްޓްރީ، ދިރާގު، ޕީޖީ އޮފީސް، ޖޭއެސްސީ، އޮޑިޓާ ޖެނެރަލް އޮފީސް، ނެޝަނަލް ޔުނިވާސިޓީ، މީރާ، އޭސީސީ އަދި އެޓާނީ ޖެނެރަލްގެ އޮފީސް ހިމެނެ އެވެ.
މުވައްޒަފުންގެ ސްކީމަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން އެދިގެން ކޮންމެ މަހަކު އެ މުވައްޒަފެއްގެ މުސާރަ އިން، އެ މުވައްޒަފަކު ކަނޑައަޅާ ވަކި ވަރެއް ކަނޑައިގެން ހައްޖަށް ނުވަތަ އުމްރާއަށް ގެންގޮސްދިނުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ސްކީމެކެވެ. އަދި ސްކީމުގައި މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.