16 Jun 2016, 10:08
ގާހިރާ(ޖޫން 16): މިދިޔަ މަހު ފްރާންސުން މިސްރަށް ދަތުރު ކުރަނިކޮށް ވެއްޓުނު އިޖިޕްޓްއެއާގެ ފްލައިޓުގެ ބައިތައް ފެނިފައިވާ ކަމަށް ހާދިސާ ތަހުގީގު ކުރަމުންދާ މިސްރުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
މެޑިޓެރޭނިއަން ކަނޑަށް އެމްއެސް804 ފްލައިޓު ވެއްޓެން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ މިސްރުގެ ކޮމިޓީން އާއްމު ކުރި ބަޔާނެއްގައިވާ ގޮތުން ކަނޑު އަޑި ހޯދާ ބޯޓަކުން ވަނީ "ފްލައިޓުގެ ބައިތައް ފެތުރިފައިވާ މައި ސަރަހައްދުތައް ހޯދައިފައެވެ. އަދި އެބައިތަކުގެ ފުރަތަމަ ފޮޓޯތައް ކޮމިޓީއަށް ފޮނުވައިފައެވެ."
އަދި މިހާރު ފާހަގަކޮށްފައިވާ ސަރަހައްދުތަައް ބޭނުން ކޮށްގެން ފްލައިޓު ހޯދުމަށްޓަކައި މެޕެއް ކުރަހާނެ ކަމަށްވެސް ހާދިސާ ތަހުގީގު ކުރަމުންދާ ކޮމިޓީން އާއްމު ކުރި ބަޔާނުގައިވެ އެވެ.
ނަމަވެސް، މިހާތަނަށް ފެނިފައި ވަނީ ކޮން ބައިތަކެއް ކަމެއް ނުވަތަ ފެނުނު ތަކެތީގެ ތެރޭގައި ބޯޓުގެ ވޮއިސް އަދި ޑޭޓާ ރިކޯޑަރުތައް ހިމެނޭ ކަމަށް ކޮމިޓީން ބުނެފައި ނުވެ އެވެ.
މިދިޔަ ހޯމަ ދުވަހު މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން އާއްމު ކުރި ބަޔާނެއްގައިވާ ގޮތުން ކަނޑު އަޑީގައިވާ އެ ރިކޯޑަރުތަކުގެ ބެޓެރީގައި ޗާޖު ހުންނާނީ މިމަހުގެ 24ހާ ހަމައަށް ސިގްނަލް ފޮނުވާނެ މިންވަރަށެވެ.
އެމްއެސް804 ވެއްޓުނު އިރު ބޯޓުގައި ދަތުރު ކުރަމުންދިޔަ 66 މީހުންގެ ތެރެއިން 30 މީހުންނަކީ މިސްރުގެ ރައްޔިތުންނެވެ. އަދި 15 ރައްޔިތުންނަކީ ފްރާންސުގެ ރައްޔިތުންނެވެ. އޭގެ އިތުރުން 10 ގައުމެއްގެ ފަސިންޖަރުން ބޯޓުގައި ތިއްބެވެ. (އަލްޖަޒީރާ)