ބޮލީވުޑްގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ނަފީސާ ޚާން (ޖިއާ ޚާން)، މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށާއި އެ މައްސަލައިގައި އިތުރު ތަހުގީގުތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ހައި ކޯޓުގައި ބުނެފި އެވެ.

ސީބީއައި އިން ބޮމްބޭ ހައި ކޯޓުގައި އެހެން ބުނެފައި ވަނީ، ހާއްސަ ތަހުގީގު ޓީމަކުން ޖިއާގެ މަރު އިތުރަށް ތަހުގީގު ކުރުމަށް އޭނާގެ މަންމަ ރާބިޔާ ހާން، ކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަނަށް ޖަވާބުދާރީ ވަމުންނެވެ.

ޖިއާ ދަންޖެހިފައި ހުއްޓައި ފެނިފައި ވަނީ، 2013 ވަނަ އަހަރު އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުގަ އެވެ.

އޭނާގެ މަންމަ ކޯޓަށް މައްސަލަ ހުށަހެޅީ ޖިއާ މަރުވީ އަމިއްލަ އަށް ނޫން ކަމަށާއި ޖިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސޫރަޖް ޕަންޗޯލީ އޭނާ މަރާލީ ކަމަށް ބުނެ އެވެ.

ރާބިޔާ ބުނީ ޖިއާ މަރުވީ ސޫރަޖުގެ ދަރިއަކަށް ބަލިވެ އިނުމުން އެ ދަރިފުޅު އެބޯޓް ކުރުމަށް ސޫރަޖު އެންގުމުން ކަމަށެވެ.

ސީބީއައި އިން ބުނީ، ޖިއާ މަރުވީ އަމިއްލައަށް ކަމަށާއި އޭނާގެ ކޮޓަރި ތެރެއިން ފެނުނު ނޯޓަކީ ވެސް ޖިއާ އަމިއްލައަށް ލިޔެފައިވާ އެއްޗެއް ކަމަށެވެ.

ސީބީއައިގެ ޖަވާބާ ގުޅިގެން ރާބިޔާގެ ވަކީލުން ވަނީ ޖަވާބުދާރީ ވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ. މައްސަލައިގެ އަޑުއެހުމެއއް ދެން އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

،ޖިއާ އުފަންވެފައި ވަނީ އެމެރިކާގެ ނިއުޔޯކް ސިޓީއަށެވެ. އަދި ބޮލީވުޑްގައި ފިލްމީ ކެރިއަރު ފެށުމުގެ ކުރިން އޭނާ އުޅެ ބޮޑުވެފައި ވަނީ ލަންޑަނުގަ އެވެ.

ޖިއާ އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުމެފައި ވަނީ، 2007 ވަނަ އަހަރު އަމީތާބް ބައްޗަންއާ އެކުގަ އެވެ. އަދި އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އާމިރު ޚާންގެ ސައިކޮލޮޖިކަލް ތްރިލާއެއް ކަމަށްވާ ގަޖްނީ އާއި 2010 ވަނަ އަހަރު ނުކުތް މަޝްހޫރު ކޮމެޑީ ފިލްމް ހައުސްފުލްގައި އަކްޝޭ ކުމާރާ އެކު ސަޕޯޓިން ރޯލެއް ކުޅެފައިވެ އެވެ.