އަމިއްލަ ގައުމުގައި ކުރިއަށްދާ ޔޫރޯގައި އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު މޮޅުވުމުގައި ކުޅުންތެރިން ކުރި ހިތްވަރަށް ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޯމްޕްސް ތައުރީފު ކޮށްފި އެވެ.

އަލްބޭނިއާއާ ދެކޮޅަށް ކުޅުނު "ގްރޫޕް އޭ"ގެ މެޗުގައި 2-0 ލަނޑުން ރޭ މޮޅުވެ، ފްރާންސުން ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ރޭގެ މެޗުގެ 90 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ފްރާންސަށް ލީޑު ހޯދައިދިން އިރު، އެ ޓީމު ދެވަނަ ލަނޑު އިތުރު ވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ ޕަޔެޓް އެވެ. ޔޫރޯގައި ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި ރުމޭނިއާ އަތުން އެއްވަރުވެފައި ވަނިކޮށް، ފަހު ވަގުތު ފްރާންސަށް ލީޑު ހޯދައިދިނީ ވެސް ޕަޔެޓް އެވެ.

"މެޗުގެ ފުރަތަމަ ކޮޅު އަހަރެމެންނަށް ކުޅެން ފެށްޓުނީ ލަހުން. ކުޅުންތެރިން ދެއްކީ ވަރަށް ހިތްވަރުގަދަ ކުޅުމެއް. އަހަރެމެންނަށް ރަނގަޅަށް ބައެއް ކަންތައްތަކެއް ނުދިޔަ. އެކަމަކު އަހަރެމެންގެ ކޮޅުގައި ކޮންމެ ވެސް ވަރެއްގެ ނަސީބެއް އޮތް،" ފްރާންސްގެ ކޯޗު ޑިޝޯމްޕްސް ބުންޏެވެ.

އޭނާ ބުނީ، ހަ ޕޮއިންޓާއެކު ގަދަ 16ގެ ޖާގައެއް ލިބުނު ކަމަށްވިޔަސް ކުރިއަށް އޮތް މެޗަކީ ވެސް މުހިންމު މެޗެއްގެ ގޮތުގައި ދެކޭނެ ކަމަށާއި އެ މެޗުން ފައިދާ ނަގައި ސަލާމަތުގައި އޮންނަން ބޭނުންވާ ކަމަށެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ފްރާންސް ނުކުންނަން ޖެހޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 12:00 ގައެވެ. އެ މެޗު އެއްވަރުކޮށްލިޔަސް ފްރާންސަށް "ގްރޫޕް އޭ"ގެ އެއްވަނަ ލިބޭނެ އެވެ.